މާލޭގެ އަވަށެއް ކަމަށްވާ ވިލިމާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނިމިދިޔަ ހަފުތާ ބަންދުގެ ތެރެއިން، މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:00 އެހައިކަންހާއިރުއެވެ. ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނުންތަކެކެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 35 އަހަރުގެ ދެ މީހެކެވެ. މި މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހަތަރު މީހުންވެސް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ފުލުހުން މިހާރު ދަނީ މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހޯދުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި އެކި ކަހަލަ ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ވަރުގަދަކޮށްފައެވެ.





