ހދ. ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ، ގުލާބީގެ، ޢަބްދުއްސައްތާރު ޢަލީ (55އ) އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީގެ މަގެއްގެ މަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރި ކުރުމުގެ ތެރެއިންނެވެ. އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުއްސައްތާރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ފުލުހުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.





