ދިވެހި ފިލްމު އިންޑަސްޓްރީގައި ނުފޫޒުގަދަ ބައްޕައެއްގެ ރޯލުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ފަންނާނު މުޙައްމަދު ނައީމް ނިޔާވެއްޖެއެވެ.
އުމުރުން 71 އަހަރުގައި ނައީމް ނިޔާވީ ކޮން ސަބަބަކާ ހެދިކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އޭނާގެ ކަށުނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުޙައްމަދު ނައީމަކީ ދިވެހި ފިލްމުތަކާއި ޑްރާމާތަކުގައި ވަރަށް ފާހަގަކޮށްލެވޭ ރޯލްތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. ޚާއްޞަކޮށް، އޭނާ އެންމެ ގިނަ ބަޔަކަށް އެނގެނީ މަޝްހޫރު ލަވަ ”ގޮވިއްޖެ ނަދުރު“ އިންނެވެ. މަޝްހޫރު ފަންނާނުން ކަމަށްވާ މަރިޔަމް ނިޝާއާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ފެންނަ އެ ލަވައިގެ ނިމޭކޮޅުން ނައީމް ފެންނައިރު، އޭނާ ފެނިގެންދަނީ ވަރަށް ނުފޫޒުގަދަ ބައްޕައެއްގެ ގޮތުގައެވެ.
މީގެ އިތުރުން، ފާތިމަތު ނަހުލާ ޑައިރެކްޓްކުރި ކާމިޔާބު ފިލްމު ”ޒުލޭޚާ“ އަކީ ވެސް ނައީމްގެ ހަނދާންތައް އާކޮށްދޭ ފިލްމެކެވެ. 2007 ވަނަ އަހަރުގެ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދި މި ފިލްމުގެ އިތުރުން ވެސް ގިނަ ޑްރާމާތަކެއްގައި އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ފިލްމީ ދާއިރާގައި ”ބައްޕަ“އެއްގެ ގޮތުގައި މަޝްހޫރުވި ނައީމް ގިނައިން ފެނިފައިވަނީ ވަރަށް ރުޅިގަދަ އަދި ނުފޫޒުގަދަ މީހެއްގެ ރޯލުންނެވެ.
ފިލްމީ ދާއިރާއަށް މި ލިބުނު ފުން ހިތާމައިގެ ކުރިން، ދާދި ފަހުން ވަނީ މި ދާއިރާގެ މަގްބޫލު ޑައިރެކްޓަރެއް ކަމަށްވާ އަބްދުލްފައްތާހު ވެސް ހާޓް އެޓޭކެއް ޖެހިގެން ނިޔާވެފައެވެ.
މުޙައްމަދު ނައީމް ނިޔާވުމަކީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ. އޭނާ ވަނީ ދިވެހި ސިނަމާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދީ، ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ.





