ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށާއި، ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ކޮންމެ ޓީމަކަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ބޯނަސް ދިނުމަށް ރައީސް ނިންމެވީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްސަލް ޓީމަށާއި، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމަށް ކަމަށެވެ.
މިނިސްޓަރު ރާފިއު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ނިންމަވާފައިވަނީ މި ބޯނަސް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް ދިނުމަށެވެ. މި ފައިސާ ކުޅުންތެރިންނާ ހަވާލުކުރާނީ ފުޓުބޯޅަ އެސޯސިއޭޝަން (އެފް.އޭ.އެމް) މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ނިންމެވުމަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ސިޓްރޮން ރެސްޓޯރެންޓުގައި ރައީސް މުއިއްޒު ގައުމީ ޓީމާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ އަހަރު ވަނީ ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް އެއްހަމަކޮށް، 7،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި އިނާޔަތް އެއްހަމައަކަށް ގެނައުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި ބޯނަހަކީ ގައުމަށް ރީތި ނަން ހޯދައިދޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ހިތްވަރެއް ކަމުގައި ބެލެވެއެވެ.





