”ރާޔާ މާލެ“ ނަމުގައި ހިންގާ ޕޭޖަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކޭމްތަކެއް ހިންގަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކުރި ގޮތުގައި، މި ވެބްސައިޓަކީ ކަސްޓަމަރުންގެ ބޭންކް ކާޑުގެ މައުލޫމާތާއި އިންޓަނެޓް ބޭންކިންގްގެ ކްރެޑެންޝަލްސް (ޔޫޒާނޭމް އަދި ޕާސްވޯޑް) ވަގަށް ނެގުމަށް ތައްޔާރުކޮށްފައިވާ ފޭކް ސައިޓެކެވެ.
މި ސްކޭމް ހިންގާ ގޮތް ތަފްސީލުކޮށްދެމުން ފުލުހުން ބުނީ، ”ރާޔާ މާލެ“ އަކީ ޖުވެލަރީ ފިހާރައެއްގެ ގޮތުގައި ހެދިގެން ހިންގާ ޕޭޖެއް ކަމަށެވެ. އަދި މީހުން މި މަޅީގައި ޖެއްސުމުގެ ގޮތުން ތަކެތިން 80 އިންސައްތައާ ހަމައަށް ބޮޑެތި ޑިސްކައުންޓްތައް ދޭ ކަމަށް ދައްކައެވެ. ކަސްޓަމަރަކު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިންގްއާ ވައްތަރު ފޭކް ލޮގިން ޕޭޖެއް ދައްކައި، އޭގެ ޒަރީއާއިން މީހުންގެ ޔޫޒާނޭމާއި ޕާސްވޯޑް އަތުލާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސްކޭމަރުން މި މައުލޫމާތު ބޭނުންކޮށްގެން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގްއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ އިންޒާރު ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ބޭންކްގެ ޚިދުމަތް ހޯދުމަށް އެއްވެސް ވެބްސައިޓެއްގައި ދީފައިވާ ލިންކަކަށް ނުފިއްތުމަށް އެދިފައެވެ. އަދި އޯޓީޕީ (OTP) އަކީ އެކައުންޓުން ފައިސާ ބޭރުކުރުމަށް ދެވޭ ”ކޮޅު“ ނުވަތަ ހުއްދަ ކަން ހަނދާން ބެހެއްޓުމަށާއި، އެއްވެސް ލިންކެއްގައި އޯޓީޕީ ނުޖެހުމަށް ފުލުހުން އިރުޝާދު ދެއެވެ.
މީގެއިތުރުން، ”ރާޔާ މާލެ“ ވެބްސައިޓުގައި އެއްވެސް މީހަކު މައުލޫމާތެއް ޖަހާފައިވާނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ހިނގާފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.





