ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ ޑްރަގު އޮޕަރޭޝަނެއްގައި ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސިފްކޯހިޔާ، އިބްރާހިމް އަމްރު ތައުފީގު (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ކުރިއަށްގެންދާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުންނެވެ.
އަމްރުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި، އޭގެ ބޭނުންކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރުމުގެ ތެރެއިން 500 ގްރާމް (ބައި ކިލޯ) ގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އަމްރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





