ރާއްޖޭގައި ދެވޭ ޓެކްސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޓެކްސީ ޤަވާއިދަށް މުހިންމު އިޞްލާޙުތަކެއް ގެނެސް، އެކަން ޢަމަލީގޮތުން ތަންފީޛުކުރަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ވަނީ ’ޓެކްސީ ޤަވާއިދަށް 4 ވަނަ އިޞްލާޙު‘ ގެނެސް މިހާރު ގެޒެޓްގައި އާންމުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޚިދުމަތް ދޭ ފަރާތްތަކަށާއި ޑްރައިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލުތަކެކެވެ.
މި އިޞްލާޙުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ޓެކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50 އަށް ދަށްކުރުމެވެ. މި ބަދަލުގެ ސަބަބުން އައު ސެންޓަރުތައް އުފެއްދުމަށް ހުރި ހުރަސްތައް ނެތިގޮސް، މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާކެޓުގައި ވާދަވެރިކަން އިތުރުވެ، އާންމުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އުންމީދު ކުރެއެވެ.
މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންނަށް އާމްދަނީ އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އެއް ވަގުތެއްގައި ދެ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން ޚިދުމަތަށް އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.
ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ހޯދުން މިހާރު ވަނީ ލާޒިމްކޮށްފައެވެ. މިގޮތަށް ހުއްދަ ހޯދައިގެން ޑިޖިޓަލް ޚިދުމަތް ދިނުމަކީ، ޚިދުމަތްދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ހަމައެއާއެކު، ކުންފުންޏަކުން ދަތުރުފަތުރުގެ ޚިދުމަތް ދޭނަމަ، އެކަމަކީ އެ ފަރާތެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއްކަން ކަށަވަރު ކުރަންޖެހޭނެ ކަމަށާއި، އެފަދަ ފަރާތްތަކުންވެސް ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހޭނެ ކަމަށް އިޞްލާޙުގައިވެއެވެ.
މި ހުރިހާ ބަދަލުތަކެއްގެ މައިގަނޑު އަމާޒަކީ ފަސިންޖަރުންނާއި ޚިދުމަތްދޭ ފަރާތްތަކަށްވެސް މަންފާކުރާނެ، އިތުބާރު ހުރި އަދި ޒަމާނީ ޓެކްސީގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހާމަކުރެއެވެ.





