ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ފަސް ވަނަ ޓަވަރުގައި ރޭ އިރުއޮއްސުނު ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ވަނީ މީހުން ނެރެފައެވެ.
އެމްއެންޑީއެފުން މި ހާދިސާ ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ހާދިސާގެ އިތުރު ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެސީގެ އައުޓްޑޯ ޔުނިޓެއްގައެވެ. މި ހާދިސާގައި އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތުގެ އެންމެ މަތިން ބޯކޮށް ދުން އަރަމުން ދިޔައެވެ. އެހެންނަމަވެސް، ބައެއް މަންޒަރުތަކުން ފެންނަ ގޮތުގައި އެ ޓަވަރުގެ ބޭސްމަންޓުގައި އެއްޗެއްގައި ރޯވެ ގަދަޔަށް އަނދަމުން ދިޔައެވެ. ބޭސްމަންޓުގައި އަލިފާން ރޯވި އިރު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސައިކަލް ޕާކްކޮށްފައި ހުރިކަން ފާހަގަކުރެވެއެވެ.
އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާ، ސިފައިންނާއި އާންމުންގެ އެހީތެރިކަމާއެކު މާ ގިނައިރުތަކެއް ނުވެ ވަނީ ނިއްވާލާފައެވެ.
ހިޔާ ޓަވަރުތަކަކީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާ ތަނަކަށް ވާއިރު، އެތަނުގައި ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. ހާއްސަކޮށް، މިފަދަ ބޮޑެތި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ގާއިމުކޮށްފައިވާ ނިޒާމުތަކުގެ ފެންވަރާމެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.





