ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އުޅަނދުތައް އަތުލައިގަނެފައިވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންތައް ބޭނުންކޮށްގެން ހިންގި ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު 2:02 ހާއިރުއެވެ. މި ބޯޓުތައް ފެނިފައި ވަނީ ހއ. ކެލާގެ އިރުން 109 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެއަރ ކޯރގެ ޔޫއޭވީ ނުވަތަ ޑްރޯންތައް ބޭނުންކުރަން ފެށުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ އުޅަނދުތައް ދެނެގަތުމުގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަތުލައިގަތް ދެ ބޯޓު މިހާރު ދަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފުން ބުނީ ބޯޓުތައް ބަނދަރަށް ވެއްދުމަށްފަހު، ކުރިއަށް އޮތް ތަހުގީގުތަކަށްޓަކައި މި ބޯޓުތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް އެމްއެންޑީއެފުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.





