އިންޑިއާގެ ސިނަމާގައި މިދިޔަ އަހަރު ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު ”ދުރަންދަރު“ ގެ ދެވަނަ ބައިގެ ޕޯސްޓަރާއި ޓީޒާ ރަސްމީކޮށް ދައްކާލައިފިއެވެ.
މި ފިލްމުގެ ދެވަނަ ބައި ”ދުރަންދަރު: ދަ ރިވެންޖް“ ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ފުރަތަމަ ބަޔާ ހިލާފަށް، ދެވަނަ ބައި ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަދައްކައި އުޅޭ އެހެން ބަސްތަކުން ވެސް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.
”ދުރަންދަރު“ އަކީ ކާމިޔާބު ފިލްމު ”އުރީ: ދަ ސާޖިކަލް ސްޓްރައިކް“ އިން ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ޑައިރެކްޓަރު އަދިތިޔާ ދާރުގެ ދެވަނަ ޑައިރެކްޝަނެވެ. މަޝްހޫރު ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ، އަދިތިޔާ އުފައްދާފައިވާ މި އެކްޝަން ސްޕައި ތުރިލާ އަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 5 ގައި ރިލީޒްކުރި ”ދުރަންދަރު“ އަށް ބޮކްސް އޮފީހުގައި މިހާތަނަށް 1,428 ކްރޯޑް ރުޕީސް (158.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެއެވެ. މި ފިލްމުގެ ދެ ބައި އުފެއްދުމަށް ހޭދަވެފައިވަނީ ޖުމްލަ 475 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) އެވެ.
މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ރަންވީރު ސިންގް، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދްވަން އަދި ޒުވާން ބަތަލާ ސާރާ އަރުޖުން ހިމެނެއެވެ.
ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޓްރެންޑިންގް ލިސްޓުގެ ކުރިން މި ފިލްމު ވަނީ ޖާގަ ހޯދާފައެވެ. މިހާރު އާންމުކޮށްފައިވާ ޓީޒާއާއެކު ފިލްމުގެ ދެވަނަ ބަޔަށް ކުރެވޭ އިންތިޒާރު ވަނީ އިތުރުވެފައެވެ.





