އިއްޔެ ރާއްޖެއަށް 10,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ރެކޯޑު އާކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ރާއްޖެއަށް 10,462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ރެކޯޑު އޮތީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10,253 ފަތުރުވެރިންނެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި ޖުމްލަ 70,801 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، މި އަހަރުގެ މިހާތަނަށް 295,500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.





