މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު، ”ރަސްމާލެ“ ތަރައްޤީކުރުމަށްޓަކައި ކ. ފުށިދިއްގަރުފަޅުން ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ރަސްމާލެ ސައިޓް އޭ އިން މިހާތަނަށް 116 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިންމާލާފައެވެ. އެމްއޭސީއެލް އިން މިއަދު ހާމަކުރި ގޮތުގައި، މިއީ މުޅި މަޝްރޫޢަށް ބަލާއިރު ބިން ހިއްކުމުގެ ގާތްގަނޑަކަށް 84 އިންސައްތަ މަސައްކަތެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާއިރު، މި މަސައްކަތް ތިން ގުނަ ހަލުވިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ’ކްރިސްޓޯބަލް ކޮލޯން‘ ވަނީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ ގެނެސްފައެވެ. މި ވަރުގަދަ ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ދަނީ ކުރިއަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި މުހިންމު ވަޢުދުފުޅާ ގުޅޭގޮތުން، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގެ ހިއްކާ ބިމުން 15,000 ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭނެ ކަމަށެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައި ނެތް ފަރާތްތަކަށް އާއިލީ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެ ގޮތުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ.





