އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ފާސްކޮށްފި އެވެ.
އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް މިމަހުގެ 15 ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ކޮންގްރެސްގައި އެމްޑީޕީގެ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ފައްޔާޒް އިސްމާއީލް އެވެ. އަދި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވީ އަބްދުﷲ ޝާހިދު އެވެ.
އެމްޑީޕީން އެންމެ ފަހުން އެ ޕާޓީގެ އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އެވެ. އެ ފަހަރު 1،100 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ކޮންގްރެސް ބޭއްވޭނީ ފަސް އަހަރުން އެއް އަހަރު އެވެ. އެކަމަކު އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން ވަކި ތާރީހެއް އަސާސީ ގަވައިދުގައި ކަނޑައަޅާފައެއް ނުވެ އެވެ.





