ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅުންހުރި ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މި ދެ މައްސަލައަކީ ކ. ތުލުސްދޫ، ލަކުސަވީ، ފާޠިމަތު ސޫޒަން އާއި ކ. ގުރައިދޫ، ރިނދަލިގެ، ޢަބްދުލްމަޖީދު ހުށަހަޅާފައިވާ ދެ މައްސަލައެވެ. ނަމަވެސް، މި މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ.
މި މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، ކ. ތުލުސްދޫ އާއި ކ. ގުރައިދޫގެ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުން ތަރުތީބު ކުރުމުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައެވެ.
މި ފަހަރުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 2،994 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަތެވެ. ނަމަވެސް ގުރުއަތުލުމުގެ ކުރިން 67 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާތީ، މިހާރު އިންތިޚާބުގައި ވާދަކުރާނީ 2،927 ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.





