މިދިޔަ މަހުގެ 28 ވަނަ ދުވަހު ލ.މާވަށުގައި ވަޅިން ހަމަލާދީ މަރައިލި، އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމްގެ ޖަނާޒާ މިއަދު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ކަށު ނަމާދު ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މޫސަ 29، ގެ ޖަނާޒާ ކުރިއަށްދާނީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު އިންޑިއާއަށް ގެންދިޔަ މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އޮޓޮޕްސީއާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމާކޮށްފައެއް ނުވެއެވެ.
މޫސަގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަމްފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހިމް 29، އެވެ. އޭނާ ވަނީ މޫސަ މަރައިލި ކަމަށް ކޯޓުގައި އިއުތިރާފުވެފައެވެ.
މި މައްސަލާގައި މާވަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މޫސަ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ދިޑެއިލީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މޫސަ މަރާލައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހުންގެ ދޭތެރޭގައި ހިނގި ދެބަސްވުމެއްގެތެރޭގައެވެ.





