އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި، އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު، އަނަސް އަލް ޝަރީފް ހިމެނޭ ގޮތަށް އެ ޗެނަލްގެ ފަސް ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ މައި ގޭޓުގެ ބޭރުގައި ހުންނަ ޓެންޓަކަށް ދިން ބޮމުގެ ހަމަލާއެއްގައެވެ.
މި ހަމަލާގައި ޖުމްލަ ހަތް މީހުން މަރުވެފައިވެއެވެ. ޝަހީދުކޮށްލެވުނު އަލް ޖަޒީރާގެ ނޫސްވެރިންގެ ތެރޭގައި ކަރަސްޕޮންޑެންޓު މުހައްމަދު ޤްރެއިޤް، އަދި ކެމެރާ އޮޕަރޭޓަރުން ކަމަށްވާ އިބްރާހިމް ޒާހިރާއި މުޙައްމަދު ނޫފާލް އަދި މުއާމަން އަލިވާ ހިމެނެއެވެ.
އިސްރާއީލުން މި ހަމަލާ ދިނީ އުމުރުން 28 އަހަރުގެ އަނަސް އަލް ޝަރީފަށް އަމާޒުކޮށް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އިސްރާއީލުން ނެރުނު ބަޔާނެއްގައި ބުނީ، ޝަރީފަކީ ހަމާސްއާ ގުޅިގެން މަސައްކަތްކުރާ ”ޓެރަރިސްޓެއް“ ކަމަށެވެ.
ޣައްޒާގެ އުތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ހަނގުރާމައިގެ ހާލަތު ކަވަރޭޖް ގެނެސްދީފައިވާ އަރަބި ނޫސްވެރިޔާ އަނަސް އަލް ޝަރީފް، ޝަހީދުކޮށްލުމުގެ ކުޑައިރުކޮޅެއް ކުރިން، އޭނާގެ އެކްސް (އޭރުގެ ޓްވިޓަރ) އެކައުންޓުގައި ބުނެފައިވާ ގޮތުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އިރުމައްޗާއި ދެކުނު ސަރަހައްދުތަކަށް ވަރަށް ވަރުގަދަޔަށް ހަމަލާތައް ދެމުންނެވެ.
އަދި އޭނާ މަރުވެއްޖެ ނަމަ ޝާއިއު ކުރަން ނިންމައި، އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ލިޔެފައިވާ އެންމެ ފަހުގެ މެސެޖެއްގައި ޝަރީފް ބުނީ ”ވަރަށް ވޭނުގައި އުޅެވިއްޖެ ކަމަށާއި، ހިތާމައާ ގެއްލުމުގެ ރަހަ ތަކުރާރުކޮށް ބަލައިފި“ ކަމަށެވެ. އަދި އޭނާގެ އަންހެނުންނާއި ދެ ކުދިން ދޫކޮށް ދާން ޖެހުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އެ މެސެޖްގައިވެއެވެ.
އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ނެރުނު ބަޔާނެއްގައި ވަނީ ފަސް ނޫސްވެރިން މަރާލުން އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ. އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި އެ ނެޓްވޯކުން ވަނީ ސިފަކޮށްފައެވެ.




