ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ފަލްސަފާއަކީ އަދި ގަބޫލުފުޅު ކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ. އަދި ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާ ކުރައްވާފައިވާ ނިޒާމެއްކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށް ވެސް މުހިންމު ނިޒާމެއްކަން ފާހަގަ ކުރައްވައި ރައީސް ވަނީ ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އިލްތިމާސް ކުރައްވައިފައެވެ.
ރައީސް ގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ގާނޫނީ އިސްލާހުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެފަދަ އިސްލާހެއް ގެނައީ އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.





