ރަމަޟާން މަހުގެ ސުފުރާތައް މުއްސަނދިކުރުމަށް ގޭގައި ތައްޔާރުކޮށްލެވޭނެ ތަފާތު އަދި އެހާމެ މީރު ރެސެޕީތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ހުއްޓިފައެވެ. މިގޮތުން، އިންޑިއާގެ މަޝްހޫރު ކާއެއްޗެއް ކަމަށްވާ ”ބަޓަރ ޗިކަން“ އަކީ ގޭގައި ތައްޔާރުކޮށްލަން އެހާ އުނދަގޫ އެއްޗެއް ނޫނެވެ. ކުކުޅުގައި ހަވާދުގެ ރަހަ ބޮޑަށް ލައްވާލަން ބޭނުންވާނަމަ، ހަވާދުގަނޑު ހާކައިފައި ގިނައިރުވަންދެން ކުކުޅު މެރިނޭޓް ކުރުމަކީ މި ރިހައިގެ ރަހަ ފުރިހަމަވެގެންދާނެ ކަމެކެވެ.
މި ރެސެޕީއަކީ ގާތްގަނޑަކަށް 4 އާއި 6 މީހުންގެ އާއިލާއަކަށް ފުދޭނެ މިންވަަރަށް ތައްޔާރުކުރެވިފައިވާ ރެސެޕީއެކެވެ.
ބޭނުންވާ ތަކެތި:
- 500 ގްރާމް ބޯންލަސް ކުކުޅު
- 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
- 2 ސައިސަމުސާ ދިރި އަދި 2 ސައިސަމުސާ ކޮތަނބިރި
- 1 ސައިސަމުސާ ގަރަމް މަސާލާ އަދި 1 ސައިސަމުސާ ތެޅި މިރުސް
- ½ ޖޯޑު ޕްލެއިން ޔޯގަޓް
- 1 ފިޔާ، 4 ލޮނުމެދު، އަދި 7 ކާފޫރު ތޮޅި
- 2 މޭޒުމަތީ ސަމުސާ ބަޓަރު އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ
- 2 ސައިސަމުސާ ތަންދޫރީ ހަވާދު
- ½ ޖޯޑު ޓޮމާޓޯ ޕިޔުރީ، 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
- 1 ސައިސަމުސާ ހަކުރު އަދި ¾ ޖޯޑު ކާށި ކިރު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކުކުޅު ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ. އެއަށްފަހު ބޮޑު ބޯތަށްޓެއްގައި ލޮނާއި، ދިރި، ކޮތަނބިރި، ގަރަމް މަސާލާ، ތެޅިމިރުސް އަދި ޔޯގަރޓް ރަނގަޅަށް އެއްކޮށްލާށެވެ. މި ހަވާދުގަނޑުގެ ތެރެއަށް ކުކުޅުކޮޅު އަޅައި އެއްކުރުމަށްފަހު، މަތިޖަހާފައި ބަހައްޓާށެވެ. ގިނައިރު ބަހައްޓަން ބޭނުންނަމަ ފްރިޖްގައި ބެހެއްޓިދާނެއެވެ.
ދެން ފިޔާ ތުނިކޮށް ކޮށައި، ލޮނުމެދު ޗަސްކޮށް، ކާފޫރުތޮޅީގެ ކޮޅުތައް ކަނޑާލާށެވެ. ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮ ހޫނުކުރުމަށްފަހު، މެދުމިނުގެ ގިނީގައި ފިޔާ އަދި ކާފޫރު ތޮޅި އަޅައިގެން ފިޔާކޮޅު ރަތްވަންދެން ކައްކާށެވެ. އެއަށްފަހު ލޮނުމެދު އަޅައި ބައި މިނެޓުވަރު ކައްކާލުމަށްފަހު ތަންދޫރީ ހަވާދު އެއްކޮށްލާށެވެ.
ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ކެޗަޕް، މެރިނޭޓް ކުރި ކުކުޅު އަދި ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކާށިކިރު އަޅައި، ތެލީގެ މަތިޖެހުމަށްފަހު މަޑު ގިނީގައި 30 މިނެޓުވަރު ކައްކާލާށެވެ.
އުނދުން ނިވާލުމުގެ ކުރިން ރަހަބަލައި، ލޮނާއި ކުޅި ހެޔޮވަރުކޮށްލާށެވެ. ޓޮމާޓޯ ޕިޔުރީގެ ސަބަބުން ރިހަ މާބޮޑަށް ހުތް ހެން ހީވާނަމަ އިތުރު ހަކުރު ކޮޅެއް އަޅައިގެން ރަހަ ފުރިހަމަކޮށްލެވޭނެއެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި ރޮއްޓާއެކު ނުވަތަ ބަތާއެކު ކާލަން ވަރަށް ކަމުދާނެ މީރު ކެއުމެކެވެ.





