ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޭދަފުށީގެ ހިއްކި ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި، ކަރަންޓުގެ ޚިދުމަތް ގާއިމުކުރުމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. އެހެންކަމުން ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ހައްލުކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އޭދަފުށީގައި 1000 ހައުސިންގ ޔުނިޓު ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ފަށްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ އޭދަފުށީގައި އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރެއްވުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނޭ ކަމާއި، މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭޓީއެމްއެއް ގާއިމުކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ހަމައެއާއެކު އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު ވުނަކުރައްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އޭދަފުށި ހިމެނޭހެން ކޮންވެންޝަން ސެންޓަރުތައް ގާއިމުކުރައްވާނޭކަމަށް ވައުދުވެވަޑައިގެންފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފަށްޓަވާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މި ދަތުރުފުޅުގައި 13 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.





