ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ބ. އަތޮޅު އިމިގްރޭޝަން އޮފީސް އޭދަފުށީގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމުގެ ސަބަބުން ބ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކުރުމުގެ ބުރަ ނިމުމަކަށް އަންނާނެއެވެ.
މި އޮފީސް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި، ބ. އަތޮޅު އިމިގްރޭޝަން އޮފީހުން ދޫކުރެވުނު ފުރަތަމަ ޕާސްޕޯޓު ދޫކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
އޭދަފުށީގައި މި ޚިދުމަތް ރަސްމީކޮށް ފެށިފައިވާއިރު، މިއީ އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަކަށް ލުއިކަމެއް ގެނެސްދޭނެ ކަމެކެވެ. ކުރިން ޕާސްޕޯޓު ހަދަން ނުވަތަ އާ ކުރަން ބޭނުންވާ ފަރާތްތަކަށް މާލެއަށް ދަތުރުކުރަން މަޖުބޫރުވެފައިވާއިރު، މި ޚިދުމަތް އަތޮޅުތެރޭގައި ފެށުމުން ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ޚިދުމަތް ހޯދަން ފަސޭހަވެ އަވަސް ވާނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވީހާ ވެސް އަވަހަކަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢަކީ ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެމުންދާ އިސްކަމުގެ ހެއްކެކެވެ.





