މި އޮންނަ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފްގެ ”ބާޣީ 4“ ފިލްމުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ޓީޒާ ދައްކާލާފައިވަނީ މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
”ބާޣީ 4“ އަކީ ފިލްމު ”ބާޣީ“ ފްރެންޗައިޒްގެ ތެރެއިން މިހާތަނަށް ނެރޭ އެންމެ ބޮޑު އެކްޝަން އަދި ލޭ އޮހޮރުވުންތައް ފެންނާނެ ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ. ސާޖިދު ނަދިއަދުވާލާގެ ޕްރޮޑަކްޝަން ހައުސް، ނަދިއަދުވާލަ ގްރޭންޑްސަންއިން ގެނެސްދޭ މި ފިލްމުގައި ޓައިގާ ޝްރޮފްގެ އިތުރުން ސަންޖޭ ދަތު، ސޯނަމް ބަޖްވާ އަދި 2021 ވަނަ އަހަރުގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ މުހިއްމު ރޯލްތަކުން ފެނިގެންދާނެއެވެ.
ޓީޒާއިން ފުރަތަމަ ވެސް ފެނިގެންދަނީ ޓައިގާ އާއި ސަންޖޭގެ އިތުރުން ފިލްމުގައި ހިމެނޭ ބަތަލާއިންގެ މެދުގައި ހިނގާ ވަރަށް ވަރުގަދަ ގަދަފަދަ ލޭ އޮހޮރުވުންތަކެކެވެ.
ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޓައިގާ ބުނެފައިވަނީ، ލޯބީގެ މައިދާނުގައި ސާބިތުވެ ހުންނަ ކޮންމެ މީހަކީ ވެސް ފަހުވަގުތު ވިލެންއެއް ކަމަށެވެ. އަދި އެ މީހެއްގެ ކިބައިން ސަލާމަތްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި މިފަހަރު އެއްވެސް މީހަކަށް ހަމްދަރުދީނުވާނެ ކަމަށެވެ. ”ބާޣީ 4“ އިން ވަރުގަދަ ލޭ އޮހޮރުވުންތަކެއް ފެންނާނެ ވާހަކައަކަށް ތައްޔާރު ވުމަށް ޓައިގާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިންނަށް ގޮވާލާފައެވެ.
ފިލްމު ”ބާޣީ 4“ ގެ ޓީޒާ ބަލާލުމަށްފަހު ބައެއް ބެލުންތެރިން ވަނީ މި ފިލްމުގެ ޓީޒާގައި ފިލްމު ”އެނިމަލް“ އާ އެއްގޮތް ކަންކަން ހިމެނޭކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ދަރުމާ ކުންފުނިން ގެނެސްދިން ފިލްމު ”ކިލް“ ގައި އެކްޓަރު ލަކްޝްޔަ ފެނުނު ވަރަށް ގިނަ އެކްޝަން ސީންތަކާ އެއްގޮތް މަންޒަރުތަކެއް ވެސް ”ބާޣީ 4“ ގައި ހިމެނޭ ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.
”ބާޣީ“ ފްރެންޗައިޒްގެ އެންމެ ފަހު ބައި ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.





