ދެހާހުގެ ކުރީކޮޅުގައި އުފެއްދި މަގުބޫލު ފްރެންޗައިޒްއެއް ކަމަށްވާ ”ނާނިއާ“ ރީބޫޓުކޮށް އަލުން ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފިކަން އެންމެ ބޮޑު ސްޓްރީމިން ސާވިސް، ނެޓްފްލިކްސް އިން ހާމަކޮށްފިއެވެ. މި ފިލްމު އަންނަ އަހަރު ރިލީޒްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނެޓްފްލިކްސް އިން އުފައްދާ މި ފިލްމު ޑައިރެކްޓު ކުރާނީ އޮސްކާ އެވޯޑު ހޯދާފައިވާ މަގުބޫލު ޑައިރެކްޓަރު ގްރެޓާ ގާވިގްއެވެ. ގްރެޓާއަކީ 2023 ވަނަ އަހަރުގެ ބޮކްސް އޮފީސް ހިޓު ފިލްމު ”ބާބީ“ ވެސް ޑައިރެކްޓުކޮށްފައިވާ ފަރާތެކެވެ.
ގާވިގްގެ މި އާ ނާނިއާ ފިލްމުގެ ކާސްޓުގައި ހޮލީވުޑްގެ ބޮޑެތި ނަންތަކެއް ހިމެނެއެވެ. އޭގެތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ ޑެނިއަލް ކްރެއިގް އާއި ކޭރީ މުލިގަންގެ އިތުރުން މެރިލް ސްޓްރީޕް ހިމެނެއެވެ. ފިލްމުގެ އިތުރު މައިގަނޑު ރޯލުތަކުން އެމާ މެކީ އާއި ބައެއް އާ ތަރިން ފެނިގެންދާނެއެވެ. ނަމަވެސް އިތުރު ކާސްޓުންގެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
ނާނިއާގެ ރިބޫޓް ފުރަތަމަ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައެވެ. މި ފިލްމު ރިލީޒްކުރާނީ ސިނަމާތަކަށާއި ނެޓްފްލިކްސް ސްޓްރީމިން ސާވިސްއަށް އެކުގައެވެ. މިއީ ފިލްމު ބެލުންތެރިންނަށް ފުޅާ ދާއިރާއެއްގައި ފިލްމު ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.
ޖުމްލަ ތިން ފިލްމު ނެރެފައިވާ އޮރިޖިނަލް ނާނިއާ ފްރެންޗައިޒް ވަނީ 2005 އާއި 2010އާ ދެމެދު ބޮކްސް އޮފީހުގައި 1.5 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. މި ކާމިޔާބީއާއެކު, ފިލްމު ބެލުންތެރިންގެ މެދުގައި ނާނިއާއަށް ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ނެޓްފްލިކްސްއިން ނާނިއާ ވާހަކަ ފޮތްތަކުގެ ޓީވީ ރައިޓްސް ހޯދާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު ނާނިއާ އަލުން ނެރޭނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، ގިނަ ދުވަހުގެ މަޑުޖެހުމަށްފަހު ފިލްމުގެ މަސައްކަތްތައް އެންމެފަހުން މިހާރު ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން ނާނިއާގެ ފޭނުންގެ ތެރޭގައި އުފާވެރިކަމެއް ވަނީ އުފެދިފައެވެ.



