ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލާއިކާ އަރޯރާ، އެކްޓަރު އަރްބާޒް ޚާނާއެކު ކުރިން ކޮށްފައިވާ ކައިވެންޏާއި ވަރިވުމާބެހޭގޮތުން، އަދި އަމިއްލަ ނަފްސަށް އިސްކަންދިނުމާއި ދިރިއުޅުމުގެ ކުރިމަގާބެހޭގޮތުން ހުޅުވާލެއްވުމާއެކު ވާހަކަ ދައްކަވައިފިއެވެ. މި މަޝްހޫރު ތަރި ވަނީ ކައިވެނި ނިމުމަކަށް ގެނައުމުގައި ދިމާވި ގޮންޖެހުންތަކާއި، އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކާއި، ދިރިއުޅުމަށާއި ލޯތްބަށް އޭނާ ދެކޭގޮތް ހާމަކުރައްވާފައެވެ.
މަލާއިކާ ވިދާޅުވީ، އަރްބާޒްއާއެކު އޭނާގެ ކައިވެނި ދާއިމަށް ދެމިއޮންނާނެކަމަށް އޭނާ އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް، ފަހުން ގުޅުން އެއްވެސްކަމަކަށް ނުވާކަން ދެމީހުންނަށްވެސް އިހުސާސް ކުރެވުނު ކަމަށާއި، ދެމީހުންގެ އަމިއްލަ އުފަލަށްޓަކައި ވަކިވުމަކީ ބުރަ ނަމަވެސް މުހިންމު ކަމެއްކަމަށް ނިންމެވީ ކަމަށް އޭނާ ބުންޏެވެ.
ވަރިވުމަށްފަހު، މަލާއިކާ ވަނީ އޭނާގެ އަމިއްލަ ނަފްސުގެ ހެޔޮ ހާލަތަށް އިސްކަންދިނީތީ އޭނާއަށް ”އަމިއްލަ އެދޭ މީހެއް“ ގެ ލަގަބު ދެވިފައިވާކަމަށް ހާމަކުރައްވާފައެވެ. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވީ، އެހެން މީހުންނަށް ނުވިސްނުނަސް، އަމިއްލަ ނަފްސަށް ލޯބިދިނުމާއި ނަފްސާނީ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމަށެވެ. އޭނާގެ ނަޒަރުގައި، އަމިއްލަ ނަފްސަށް އިސްކަންދިނުމަކީ ކުށެއް ނޫން ކަމަށާއި، އެކަމުން އޭނާއަށް ހިތްވަރު ލިބި، އާ އިތުބާރަކާއެކު ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިވި ކަމަށެވެ.
މަލާއިކާ ވަނީ އެ ދެމީހުންގެ ދަރިފުޅު އަރްހާން ބޮޑުކުރުމާބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. މިކަމުގައި ގޮންޖެހުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއިރު، މިހާރު ދެމީހުންނަށް ދުޅަހެޔޮ ހަމަހަމަކަމެއް ލިބިފައިވާ ކަމަށާއި، ދަރިފުޅަށް ހަމަޖެހުމާއި އެހީތެރިކަން ދިނުމަށް ދެމީހުންވެސް ސަމާލުކަން ދެމުންދާކަން މަލާއިކާ ވިދާޅުވިއެވެ.
މިހާރުގެ ދިރިއުޅުމަށް ބަލާފައި، މަލާއިކާ ވަނީ އަމިއްލަ ނަފްސު ”ހާޑްކޯ ރޮމޭންޓިކެއް“ ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އޭނާ ވަނީ ކުރިމަގުގައި ލޯތްބަށް، ނުވަތަ ކައިވެންޏަށްވެސް އޭނާގެ ދޮރު ބަންދު ނުކުރައްވާކަން ހާމަކުރައްވާފައެވެ. އޭނާ ލޯތްބަށް އިތުބާރު ކުރައްވާ ކަމަށާއި، އަލުން ލޯބި ހޯދުމުގެ ފުރުސަތު އޮތްކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.



