ރަމަޟާން މަހަކީ ކަންނެތްކަމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށާއި، އެއީ އަޅުކަމުގައި ހީވާގިވާންޖެހޭ މައްސަރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ ”ނަސްރާއި ކާމިޔާބުގެ މައްސަރު“ މި މައުޟޫޢުގެ މައްޗަށެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޯދަ މަހަކީ އިންސާނާގެ ހަށިގަނޑުން ކުރެވޭ ޖިހާދުގެ އިތުރުން، އަމިއްލަ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރެވޭ މައްސަރެވެ. މިގޮތުން ހިފާ ރޯދައިގެ ސަބަބުން، ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅާކަން ޚުތުބާގައި ފާހަގަކުރިއެވެ.
”ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި މާތް ﷲ އޭނާއަށް ހަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބެން ހުންނަ ހާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާހާލުގައެވެ،“ ޚުތުބާގައި ބުނެފައިވެއެވެ.
މިއަދުގެ ޚުތުބާގައި އިތުރަށް ބުނީ، ރޯދަމަހަކީ ކަންނެތްކަން އިޚުތިޔާރުކޮށް، ވަޒީފާތަކުން ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ އަޅުކަމުގައި ހީވާގިވެ، ކުރިއަށްދާންވީ މަހެއް ކަމަށާއި، ޚާއްޞަކޮށް ރޯދަމަހުގެ ފަހު ދިހައެއްގައި އަޅުކަމުގައި އިތުރަށް މަޝްޣޫލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
”ރަމަޟާން މަހަކީ، ކަންނެތްކަން އިހުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު. ހާއްސަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތައް. ރޯދަމަހުގެ ކާމިޔާބީ ހޯދާން ބޭނުން މީހާ ލައިލަތުލްޤަދުރި ހޯދާން ގަދައަޅައި މަސައްކަތްކުރާށެވެ! އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ، ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެ،“ ޚުތުބާގައި ބުނެފައިވެއެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުންކަން ފާހަގަކޮށް، މުސްލިމު މުޖުތަމައުތަކުގައި މި މަތިވެރި މަހުގެ މާތްކަން ދަމަހައްޓަން ޖެހޭނެ ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.





