ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ބޭނުމުގައި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން ”އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ“ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފި އެވެ.
މި ބަދަލު ގެންނަވާފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ މި އިދާރާގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، މި ބަދަލު ގެންނެވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
މި ބަދަލާއެކު، މިހާތަނަށް ޤަވާނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގުނު އިދާރާއެއްގެ ގޮތުގައި އީޕީއޭ އޮތް ހައިސިއްޔަތު ވަނީ ބަދަލުވެ، އެއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ސީދާ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ، މި ބަދަލު ގެންނަވާފައި ވަނީ އީޕީއޭ އިން މިހާތަނަށް ކުރަމުންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާ ބެހޭ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުންފުޅުގައި ކަމަށެވެ.
މި ބަދަލާއެކު، ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާވެ، ތިމާވެށީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.





