ރަމަޟާން މަހަކީ ތަފާތު މީރު ކާނާތަކުން ދިވެހިންގެ ސުފުރާތައް ފަޅުފިލުވައިދޭ މަހެކެވެ. މިގޮތުން ކުރީއްސުރެ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު، ނަމަވެސް މިހާރަކަށް އައިސް ފެންނަލެއް މަދުވަމުންދާ އެއް ރިހައަކީ ”ރިހާކުރު ރިހަ“ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މި ރިހަ ކައްކައިއުޅެނީ ތަފާތު ގޮތްގޮތަށެވެ. ބައެއް ގޭގޭގައި އައްޑޫ ހަވާދު ބޭނުންކޮށްގެން މި ރިހަ ތައްޔާރުކުރާއިރު، އަނެއްބައި މީހުން އަމިއްލައަށް ހަވާދު ހަނާކޮށްގެންވެސް މި ރިހަ ކައްކައެވެ. މިއަދު މި ގެނެސްދެނީ 3-4 މީހުންނަށް ފުދޭވަރަށް، ވަރަށް މީރުކޮށް ރިހާކުރު ރިހަ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 2 ފިޔާ
- 15 ހިކަނދިފަތް
- 6 އިންޗީގެ ރާނބާފަތް ކޮޅެއް
- 3 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި
- 1 ½ މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު
- 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި
- 7 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)
- 1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް
- 1 ލޮނުމެދު
- ½ ގިތެޔޮ މިރުސް
- 1/3 ޖޯޑު ހުނި
- 3/4 ޖޯޑު ކޮށާފައިހުރި ވަޅޯމަސް
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- 2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)
- 8 މޭޒުމަތީ ސަމުސާ ފެން (ހަވާދަށް)
- ½ ޖޯޑު ބޯކިރު
- 3 މޭޒުމަތީ ސަމުސާ ރިހާކުރު
- 1 ބިލަމަގު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ އެއް ފިޔާ ތަންކޮޅެއް ބޮޑެތިކޮށް ފޮތިކޮށްލާށެވެ. އެއަށްފަހު ބޮޑު ތަވައެއް އުދާ ހޫނުވުމުން، ކޮތަނބިރި، ދަވިއްގަނދު، ދިރި، އަސޭމިރުސް، ލޮނުމެދު، ހުނި، 10 ހިކަނދިފަތް، ރާނބާފަތުގެ އެއްބައި، ހިކިމިރުސް އަދި ކޮށި ފިޔާކޮޅު އަޅައިގެން ހަނާކުރާށެވެ. ހުނިކޮޅަށް މުށިކުލަ އަރަންދެން މެދުމިނުގެ ގިނީގައި ހާވަމުން ކައްކަންވާނެއެވެ.
ހަނާކުރި ތަކެތި ހިހޫވުމުން 8 ސަމުސާ ފެނާއެކު މިކްސަރުން މުގުރާލާށެވެ. ދެން ބާކީ އޮތް ފިޔާ ތުނިކޮށް ކޮށާލުމަށްފަހު، ތެއްޔަކަށް ތެޔޮ އަޅާ ހޫނުކޮށް، ފިޔާ، 5 ހިކަނދިފަތް، ގިތެޔޮމިރުސް އަދި ބާކީ ހުރި ރާނބާފަތްކޮޅު އަޅާ ރަތްކުރާށެވެ.
ދެން މުގުރި ހަވާދު ޕޭސްޓް ތެއްޔަށް އަޅައި މިނެޓެއްހާއިރު ކެއްކުމަށްފަހު، ފެނާއި ވަޅޯމަސް އަޅާ ބޮކިޖަހަންދެން ކައްކާލާށެވެ. އެއަށްފަހު ބޯކިރު، ފަޅާފައި ހުރި ބިލަމަގު އަދި ރިހާކުރު އަޅައި މަޑުގިނީގައި 20 މިނެޓު ވަންދެން މަތިޖަހައިގެން ކައްކާށެވެ. އާންމުކޮށް ރިހާކުރުން ލޮނު ރަހަ ހެޔޮވަރުވާނެތީ އިތުރަށް ލޮނު އަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް ރަހަ ބަލާލުމަށްފަހު ބޭނުންނަމަ ލޮނުކޮޅެއް އިތުރުކޮށްލެވިދާނެއެވެ.





