މި ރަމަޟާން މަހުގެ ސުފުރާތަކަށް އައު އަދި ތަފާތު ރަހައެއް އިތުރުކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ”ވަޅޯމަސް ސްޕެގެޓީ“ އަކީ ރަނގަޅު ހޮވުމަކަށް ވާނެއެވެ. ދިވެހިންގެ ސަގާފީ ރަހައެއް ކަމަށްވާ ވަޅޯމަހާއެކު ތައްޔާރުކުރާ މި ސްޕެގެޓީއަކީ ތައްޔާރުކޮށްލަން ފަސޭހަ، އަދި އެހާމެ މީރު ކެއުމެކެވެ.
މި ރެސިޕީގައި ޚާއްޞަ ބާވަތެއްގެ ގޮތުގައި ”ސަންޑްރައިޑް ޓޮމާޓޯ“ ބޭނުންކޮށްފައިވެއެވެ. ނަމަވެސް މިއީ މާލޭގެ ބާޒާރުން އަބަދު ލިބެން ހުންނަ އެއްޗަކަށް ނުވާތީ، މިއީ ކޮންމެހެން އަޅަންޖެހޭ އެއްޗެއް ނޫން ގޮތަށް ރެސިޕީ ވަނީ ބައްޓަންކޮށްފައެވެ. ސަންޑްރައިޑް ޓޮމާޓޯ ބޭނުންކުރާނަމަ، ހަކުރުލާފައި ހުންނަ ބާވަތުގެ ބަދަލުގައި ލޮނު އަޅައިގެން ހިއްކާފައި ހުންނަ ބާވަތް އިޚްތިޔާރު ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
ބޭނުންވާ ތަކެތި (2-3 މީހުންނަށް):
- 250 ގްރާމް ސްޕެގެޓީ
- 1 ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)
- 8 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- ¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
- 6 ހިކަނދިފަތް
- 2 ސައިސަމުސާ ރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސް
- ½ ޖޯޑު ސަންޑްރައިޑް ޓޮމާޓޯ (އިޚްތިޔާރީ)
- ¼ ޖޯޑު ތާޒާ ކޮރިއެންޑަރ ފަތް (ކޮށާފައި)
- 12 އޮލިވް (ދެފަޅިކޮށްފައި)
- 2 ސައިސަމުސާ އޮއިސްޓަރ ސޯސް
- 6 ޖޯޑު ފެން
- 4 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
- ½ މޭޒުމަތީ ސަމުސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ފެންގަނޑު ކެއްކުމަށްފަހު ސްޕެގެޓީއާއި ލޮނު އަޅައިގެން ކައްކާލާށެވެ. ސްޕެގެޓީ ކައްކާނީ އެއްކޮށް ޗަސްވާ ވަރަށް ނޫންކަން ހަނދާން ބަހައްޓަންވާނެއެވެ. ސްޕެގެޓީކޮޅު ފުރާނާލާއިރު، އޭގެ ތެރެއިން 1 ޖޯޑު ފެން ފަހުން ބޭނުންކުރުމަށް ވަކިން ނަގާފައި ބަހައްޓާށެވެ.
ދެން ތެއްޔަކަށް ތެޔޮ އަޅައި ހޫނުވުމުން ލޮނުމެދު، ހިކަނދިފަތް އަދި ގިތެޔޮ މިރުސް އަޅައިގެން ވަސްދުވާވަރަށް މީރުކޮށްލާށެވެ. ލޮނުމެދުކޮޅު ރަތްވާން ފެށުމުން ވަޅޯމަހާއި ހިކިމިރުސް އަޅައިގެން ދެތިން މިނެޓު ކައްކާލާށެވެ. މާ ހިކިހެން ހީވާނަމަ ކުރިން ނެގި ފެންކޮޅުން އެތިކޮޅެއް އަޅާލެވިދާނެއެވެ.
އެއަށްފަހު އޮއިސްޓަރ ސޯސް، ކޮރިއެންޑަރ، އޮލިވް އަދި ސަންޑްރައިޑް ޓޮމާޓޯ އަޅައި އެއްކޮށްލާށެވެ. އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ކެއްކި ސްޕެގެޓީކޮޅު ތެއްޔަށް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންވާ މިންވަރަށް ތެތްކަން ބެހެއްޓުމަށް އިތުރު ފެންފޮދެއް ބޭނުންކުރެވިދާނެއެވެ.
މި ވަޅޯމަސް ސްޕެގެޓީއަކީ ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ނުހަނު ފުރިހަމަ ކެއުމެކެވެ.





