ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާވާ ހިންގާ ހުރިހާ ހަރަކާތްތަކަކުން ސޮފްވާން އަހުމަދު މުޅި އުމުރުދުވަހަށް ސަސްޕެންޑުކުރުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
ވީއޭއެމުން މި ބޮޑު ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ. މި ނިންމުމާއެކު ސޮފްވާން ވަނީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މަގާމުން ވަކިކޮށްފައެވެ. އަދި މީގެކުރިން އޭނާއަށް ދީފައިވާ ފަސް އަހަރުގެ ސަސްޕެންޝަން މިހާރު ވަނީ އުމުރުދުވަހުގެ ސަސްޕެންޝަނަކަށް ބަދަލުކޮށްފައެވެ.
ޖިންސީ ގޯނާ ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާންގެ މައްސަލަ ވީއޭއެމުން ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މައްސަލަ ބެލުމަށް އެކުލަވާލި ހާއްސަ އެޑްހޮކް ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި އަންހެން ޓީމުގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރުމާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެފަދަ މަގާމަކަށް ނުއައްޔަންކުރުމާއި، ވީއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭގޮތް ހެދުމުގެ އިތުރުން ރެފްރީން ފޮނުވައިގެން ބާއްވާ އެއްވެސް މުބާރާތެއްގައި އޭނާއަށް މަސައްކަތް ނުކުރެވޭގޮތަށް ހެދުން ހިމެނެއެވެ.
ނަމަވެސް، އެޑްހޮކް ކޮމިޓީން އެޅި މި ފިޔަވަޅުތަކާ އެކުވެސް ސޮފްވާން ވޮލީގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންދާކަން ވީއޭއެމްއަށް ވަނީ ފާހަގަކުރެވިފައެވެ. ވީއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ، ސޮފްވާން ސްކޫލްތަކާއި ކޮލެޖްތަކުގެ ޓީމުތަކަށް ކޯޗުކޮށްދޭން އުޅޭތީ، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ އުމުރުދުވަހަށް ސަސްޕެންޑުކުރަން ނިންމީ ކަމަށެވެ.
ރޭ ބޭއްވި ކޮންގްރެސްގައި މި ފިޔަވަޅު އަޅަން ފާސްކުރީ މެންބަރު ކްލަބުތަކުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. މި ވޯޓުގައި ފުރިހަމަ މެންބަރު 9 ކްލަބަކާއި، ވަގުތީ މެންބަރު 12 ކްލަބެއްގެ އިތުރުން އެކަޑަމީ އަދި އެސޯސިއޭޓް މެންބަރުން ބައިވެރިވިއެވެ. މި ޖަލްސާގައި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަންދޫބުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން، ވީއޭއެމްގެ އެއްވެސް ކްލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނޭނަމަ، 60 ދުވަހުގެ ތެރޭގައި އޭނާ ވަކިކުރުމަށް ވަނީ އަންގާފައެވެ. މި އެންގުމަށް އަމަލުނުކުރާ ކްލަބުތައް ދަފްތަރުން އުނިކުރާނެ ކަމަށާއި، އެފަދަ ކްލަބަކަށް މެންބަރުކަން އަލުން ލިބޭނީ ދެ އަހަރު ފަހުން ކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.
މިއީ ރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ކޯޗަކާމެދު މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ. ވީއޭއެމުން ބުނީ މުސްތަގުބަލުގައިވެސް މިފަދަ މައްސަލަތަކުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށެވެ.





