ނ. މަނާދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހަސަން ފަވާޒް، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން މިއަދު ޝަރުތުތަކަކާއެކު ޖަލު ބަންދުން ދޫކޮށްލައިފިއެވެ.
7 އޭޕްރިލް 2023 ގައި ނައީމާ މޫސާގެ ޚަބަރެއް ނުވެގެން ފުލުހުން އޭނާ ދިރިއުޅޭ ގޭގެ ދޮރު ވައްޓާލައިގެން ވަދެ ބެލިއިރު، އޭނާ ފެނުނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު މަރާލާފައި އޮއްވައެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރި ގޮތުގައި، ފަވާޒްގެ ސިއްހީ ހާލަތާ ގުޅިގެން ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަން ކަރެކްޝަނުން ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެންކަމުން، ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުނީ އޭނާ ބަންދަށް ލުއިދިނުމަށެވެ.
ކްރިމިނަލް ކޯޓުން ފަވާޒް ބަންދުން ދޫކޮށްލާފައިވަނީ ހަރުކަށި ޝަރުތުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުކުރުން.
- ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން.
- ބޭސްފަރުވާއަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 08:00 އާ ދެމެދު ގޭގައި މަޑުކުރުން.
- ކޮންމެ ދުވަހަކު ހެނދުނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ސޮއިކުރުން.
- މާލެއިން ބޭރަށް ނުދިއުން.
- ހެކިންނާ މުއާމަލާތު ނުކުރުން.
- ކޮންމެ 15 ދުވަހަކުން ފަރުވާގެ ލިޔެކިއުންތައް ހުށަހެޅުން.
ޕީޖީ އޮފީހުން ބުނީ މި ޝަރުތުތަކާ ފަވާޒް ޚިލާފުވެއްޖެނަމަ، އޭނާ އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. ފަވާޒްގެ އިތުރުން މި މައްސަލައިގައި އަހުޒަމް އަބްދުލްޝަކޫރާއި އަބްދުލްވާހިދު ރިފާސްގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އެ ނޫންވެސް ބައެއް ދައުވާތައް އުފުލާފައެވެ.






Maybe political rwason behind it