ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ ހިރިމަރަދޫ ރައްޔިތުންނަށް، ކައުންސިލްގެ ހުއްދަ ނެތި ބިން ދޫކުރަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގުނީ މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކަމުގައި މިހާތަނަށް ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާތީ، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ މެމްބަރު ފިރާގް މުހައްމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. އަދި ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދޭއިރު، އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާނެ ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް 200 ގޯތި ދޭން އުޅޭ ކަމަށް ބުނެ ހަނިމާދޫގެ ބަޔަކު ވަނީ ދާދި ފަހުން މުޒާހަރާ ވެސް ކޮށްފައެވެ. އެމީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ހަނިމާދޫގެ ރައްޔިތުންނަށް ބިން ނުދީ، އެހެން ރަށެއްގެ ބަޔަކަށް ބިން ދޫކުރަން އުޅުމެވެ.
ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަ ކުރާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ސޮއިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓް 24 ގައެވެ. ރައީސް ވިދާޅުވެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށެވެ.
ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ހިރިމަރަދޫ އަކީ އާބާދީ އެންމެ ކުޑަ ރަށެވެ.





