މި އަހަރުގެ މެއި މަހު ބޭއްވުމަށް ކުރިން ތާވަލުކުރި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) އަންނަ އޮގަސްޓް މަހަށް ފަސްކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވި ރަސްމީ އެންގުމެއްގައި ބުނެފައިވަނީ، ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު ހަރަކާތް ދެން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 17 އިން 20 އަށެވެ.
މި އިވެންޓް އިންތިޒާމުކުރާ ފަރާތްތަކުން އޭޓީއެމްގެ 33 ވަނަ އެޑިޝަން ފަސްކުރުމަށް ނިންމީ، ކަސްޓަމަރުންނާއި، ޕާޓްނަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އިތުބާރާއި ލުއިފަސޭހަކަމާއެކު މި މުހިންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ބަދަލާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުމަށް، އިވެންޓް އިންތިޒާމުކުރާ ”އާރް.އެކްސް“ އާއެކު ސީދާ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސްޓޭންޑުގައި ބައިވެރިވާ އެއްވެސް ކޯ-އެގްޒިބިޓަރަކަށް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ދީފައެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ހުރިހާ ބައިވެރިންގެ ޖާގަތަކާއި ބްރޭންޑިންގްގެ ކަންކަން، އޮގަސްޓް މަހުގެ އައު ތާރީޚުތަކަށް އެއްވެސް އުނިކަމެއް ނެތި ބަދަލުކުރެވޭނެއެވެ.
އޭޓީއެމް އަކީ ދުނިޔޭގެ އެކި މަންޒިލްތަކާއި، އެއާލައިންތަކާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް ގުޅުވައިދޭ މުހިންމު މަރުކަޒެކެވެ. މިއީ ރާއްޖޭގެ މާކެޓިންގ އިސްތިރާޖީގެ މުހިންމު ތަނބެއްވެސް މެއެވެ. ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއްވި ގޮތުގައި، އޮގަސްޓް މަހަށް މި އިވެންޓް ބަދަލުވުމަކީ ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް، މެދުއިރުމަތީގެ މާކެޓާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.
ދުބާއީގައި ބޭއްވޭ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށްޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ބައިވެރިންނަށް ފޯރުކޮށްދިނުމުގައި ވިޒިޓް މޯލްޑިވްސްގެ ޓީމު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން ވަނީ އަރުވާފައެވެ.





