ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފޯރިގަދަ ޖާގަތަކެއް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކުން ރޭ ކާމިޔާބުކޮށްފިއެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން އެތްލެޓިކޯ މެޑްރިޑް 3-2 ގެ ނަތީޖާއަކުން ޓޮޓްނަމް އަތުން ބަލިވި ނަމަވެސް، އެގްރިގޭޓް 7-5 ގެ ނަތީޖާއަކުން އެތްލެޓިކޯ ވަނީ މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކޮށްފައެވެ. ފުރަތަމަ ލެގުގައި އެތްލެޓިކޯ އިން ވަނީ 5-2 އިން މޮޅުވެ، ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
ޓޮޓްނަމްގެ އާ ކޯޗު އިގޯ ޓޫޑޯގެ އިރުޝާދުގެ ދަށުން އެ ޓީމު މޮޅުވި މި މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނިޓުގައި ޖަހައިދިނީ ރެންޑަލް ކޯލޯ މުއާނީއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި އެތްލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ފަހުން ޓޮޓްނަމްގެ ޒަވީ ސައިމަންސް ލަނޑެއް ޖަހައި އަލުން ކުރި ހޯދައިދިން ނަމަވެސް، 75 ވަނަ މިނިޓުގައި އެތްލެޓިކޯގެ ޑޭވިޑް ހެންކޯ ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. ޓޮޓްނަމް މެޗުން މޮޅުވީ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޒަވީ ސައިމަންސް ޖަހައިދިން ލަނޑުންނެވެ.
މުބާރާތުގެ އަނެއް މެޗުގައި ބަޔާން މިއުނިކުން ވަނީ އަމިއްލަ ދަނޑުގައި އިޓަލީގެ އެޓްލަންޓާ 4-1 އިން ބަލިކޮށް، ޖުމްލަ 10-2 ގެ ބޮޑު އެގްރިގޭޓް ނަތީޖާއަކުން ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ބަޔާންގެ ތަރި ހެރީ ކޭން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފައެވެ. ބަޔާންގެ އަނެއް ދެ ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާރލް އާއި ލިވަޕޫލްގެ ކުރީގެ ފޯވަޑް ލުއިސް ޑިއާޒްއެވެ. އެޓްލަންޓާގެ ހަމައެކަނި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ލަޒާ ސަމަޒިޗްއެވެ.
ކުއާޓަރ ފައިނަލުގައި ބަޔާން މިއުނިކް ނިކުންނަން ޖެހޭނީ ވަރުގަދަ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.





