ރޯދަމަހަކީ ތަފާތު މީރު ކާނާގެ ބާވަތްތައް ތައްޔާރުކުރުމަށް ދިވެހިން ހާއްސަ ސަމާލުކަމެއްދޭ މަހެކެވެ. މިގޮތުން ހުނި އަޅައިގެން ތައްޔާރުކުރާ ފޮނި ބާވަތްތަކަކީ ދިވެހިންގެ މެދުގައި ނުހަނު މަގުބޫލު އެއްޗެހިތަކެކެވެ. ”ރޯދަ ބަދިގެ“ ސެގްމެންޓުގައި މިފަހަރު ގެނެސްދެނީ ތަފާތު ރަހައެއް އެކުލެވޭ، ތައްޔާރުކޮށްލަން ފަސޭހަ ”ކާށި ޕުޑިންގް“ ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ.
މި ޕުޑިންގް ތައްޔާރުކުރުމަށް ބޭނުންވަނީ 20 ސެންޓިމީޓަރުގެ ހަތަރެސްކަން ތަބަކެކެވެ.
ބޭނުންވާ ތަކެތި:
- 1/2 1 ޖޯޑު ހުނި
- 2 ޖޯޑު ގެރިކިރު
- 2 މޭޒުމަތީ ސަމުސާ ހަކުރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1/4 ސައިސަމުސާ ލޮނު
- 3 ބިސް
- 1/2 މޭޒުމަތީ ސަމުސާ ބަޓަރު (ތަބަކުގައި އުނގުޅަން)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރަން ޖައްސަވާށެވެ. އެއަށްފަހު، ޕުޑިންގް ފިހަން ބޭނުންކުރާ ޓްރޭގައި ބަޓަރުކޮޅު ރަނގަޅަށް އުނގުޅާލާށެވެ.
ދެން ބޯތަށްޓެއްގައި ހުންޏާއި ގެރިކިރުކޮޅު އެއްކޮށްލުމަށްފަހު، އޭގެ ތެރެއަށް ހަކުރާއި، ވެނީލާ އެސެންސް އަދި ލޮނުކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ވަކިން ގިރާލާފައިވާ 3 ބިސް އޭގެ ތެރެއަށް އަޅައި، ހުރިހާ ސާމާނެއް ނިކަން ރަނގަޅަށް އެއްކުރަންވާނެއެވެ.
މިގޮތަށް ތައްޔާރުކުރި މިކްސްޗަރު، ބަޓަރު އުނގުޅާފައިވާ ތަބަކަށް އޮއްސާލުމަށްފަހު، ހޫނުކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ބައިންދައިގެން ފިހާށެވެ. ޕުޑިންގް ރަނގަޅަށް ފިހެވުނުތޯ ބެލުމަށް ދަތްކޮށްޓިއެއް މެދަށް ހަރާލުމަށްފަހު ނަގާއިރު، އޭގައި އެއްޗެއް ނުތޭރި ސާފުކޮށް އޮންނަންވާނެއެވެ. އާންމުކޮށް މިކަމަށް ނަގާނީ ގާތްގަނޑަކަށް 20 މިނެޓެވެ. ނަމަވެސް ބޭނުންކުރާ އަވަނުގެ ބާވަތުން ވަގުތަށް ބަދަލު އައުން އެކަށީގެންވެއެވެ.
ޕުޑިންގް ފިހެވުމުން އަވަނުން ނަގައި، ރަނގަޅަށް ހިހޫވުމުން ފޮތިފޮތިކޮށްލައިގެން ސާވްކުރާށެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ހާރުކެއުމަށްވެސް ނުހަނު މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނި އެއްޗެކެވެ.





