އަހަރެންގެ ދަރިފުޅާ އަހަރެން ވަކިވިތާ މިހާރު ހަތަރުވަރަކަށް އަހަރުވަނީއެވެ. ދަރިފުޅު ގެއްލުނުފަހުން މި ހިނގާ ހަތަރު އަހަރު އަހަރެން ހޭދަކުރީ ދަރިފުޅުދުށުމުގެ އުންމީދުގައެވެ. ގިނަ ރޭރޭ އަހަރެންގެ ދަރިފުޅު ހުވަފެނުގައި އަހަންނަށް ފެނެއެވެ. އެހެން ފެންނަ ކޮންމެ ރެއަކު ދަރިފުޅު އަހަރެން ކައިރީ ބުނާ އެއް ވާހަކަ އެއް އޮވެއެވެ. ”މަންމާ އެވެ. އަހަންނަށްޓަކައި މަންމަ ހިތާމަ ނުކުރާށެވެ! އަހަރެންވަނީ މަންމައާ ވަރަށް ކައިރީގައެވެ. އަހަރެން މިހިރީ ހެޔޮ ހާލުގައެވެ.“
އަހަރެމެންގެ އާއިލީ ބަޔަކު ރަށުގެ ދެކުނުކޮޅުގައި ދިރިއުޅެއެވެ. އެމީހުންނަށް ޒިޔާރަތް ކުރަން އަހަރެންގެ މަންމަ ދާއިރު އަބަދުވެސް އަހަރެން ގޮވައިގެން ދެއެވެ. އެ ދުވަހަކީ އެ އާއިލީ ގެއަށް މަންމަ ދިޔަ ދުވަހެކެވެ. އާންމު އުސޫލުން މެންދުރު ވުމުގެ ކުރިން މަންމަ އެ ވާހަކަ އަހަރެން ކައިރީ ބުންޏެވެ. އަސުރު ނަމާދަށް ފަހު އަހަރެންވެސް ދާން ތައްޔާރުވެއްޖައީމެވެ. އަހަރެމެން އެ އާއިލީ ގެއަށް ދިއުމުން އެ އަވަށުގެ މީހަކު ފަރުމަސްވެރިކަން ކުރަން ގޮސް އުޅުމުގެ ތެރޭ ފެނުނު ބަކަމޫނެއް ނަގައިގެން އައިސް އުޅޭ ވާހަކަ އެގޭމީހުން ބުނެފިއެވެ. އަދި އެ ދޫނި ދެކެން ރަށުގެ ވަރަށް ގިނަ ބަޔަކު ދާ ވާހަކަ ވެސް އެގޭ މީހުން ބުންޏެވެ. އެ ދުވަސްވަރަކީ ޓީވީ ފަދަ ވަސީލަތްތަކުގެ ޒަމާނެއް ނޫނެވެ. ބަކަމޫނަކީ އަހަރެމެންގެ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާތީ މި ދޫނި ދުށުމުގެ ޝައުގު އަހަރެންގެ ހިތުގައިވެސް ހިނގައިގެންފިއެވެ.
އަހަންނާ މަންމައަށް ބަކަމޫނު ހުރިކަމަށް ބުނާ ގެއަށް ދެވުނީ ހަވީރު ނިމި އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޭރުވެސް އެ ދޫނި ދުށުމަށް އެގެއަށް ވަރަށް ގިނަ ކުޑަކުދިންނާ ބޮޑެތި މީހުން އައިސް ތިއްބެވެ.
ބަކަ މޫނު އިނީ އެގޭ މެދު ގޯތީގައި ހުރި އަނބުގަހެއްގައި އައްސާފައެވެ. މީހުންނަށް ފެނުނީ އައްސާފައި އިން ބަކަމޫނެކެވެ. އެކަމަކު އަހަންނަށް …. އަހަންނަށް ފެނުނީ ރޯނުފަށަކުން އައްސާފައި ހުރި އަހަރެންގެ ހަތަރު އަހަރުގެ ފިރިހެންދަރިފުޅެވެ. ދަރިފުޅު އަހަރެން ފެނުމާއެކު ބާރަށް ރޯންފެށިއެވެ. އަދި މަންމާ އޭ ކިޔައި އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެންގެ ހިތް ހީވީ ފަޅަފަޅައިގެން ދިޔަހެންނެވެ. ހިތުގެ ހިނގުން ހުއްޓުނުހެންނެވެ. ވީދެރައިން ހިތަށްކުރި ފުން އަސަރުން އަހަރެންގެ ހެއަށް ގޮތްވެ އަހަރެން އަނބުރައިގަތެވެ. މަންމަ ބުނި ގޮތުގައި އަހަރެން ވެއްޓެން ދިޔައިރު ”މަންމާ، އެހެރީ އަހަރެންގެ ދަރިފުޅޭ“ ބުނި ކަމަށް ވެއެވެ.
ބަކަމޫނު ދެކެން އެތަނަށް އެއްވެފައިވާ މީހުން އަހަރެން ނަގައިގަނެގެން ގެންދިޔައީ ޖެހިގެން ހުރި ގެއަށެވެ. އަދި އަހަރެން ހޭ އެރުމުން އަހަރެން ރޮއެ ރޮއެ އޮތްވާ އަހަރެން ގޮވައިގެން މަންމަ ގެއަށް އައީއެވެ. އެންމެން ވެސް ހީކުރަނީ އަހަންނާމެދު ކަންތައް ވަމުން އައި ގޮތުން އަހަންނަކީ ދުނިޔެއިން މޮޔަވެފައިވާ މީހެއްކަމަށެވެ.
ފަހު ދުވަހު އިރު އެރި އިރު އެ ބަކަމޫނެއް ނެތެވެ. ގެއްލުނީއެވެ.
އަހަރެން ޒާހިރާ އިނީ އަހަރެންގެ އުމުރުން ސޯޅައަހަރަށް އޮތްވައެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެނެއް ނޫޅެމެވެ. ޒާހިރާ އިންނަން މަންމަ ބުނުމުން އެކަން ކުރީއެވެ. ނަމަވެސް ޒާހިރު އަހަންނަށް ވަރަށް ހެވެވެ. އަހަންނަކީ ހަންގަނޑު އާދަޔާޚިލާފަށް ދޮން ރީތި އަންހެނެކެވެ. އިސްކޮޅުން ޢާންމު ދިވެހި އަންހެނުންނަށްވުރެ ތަންކޮޅެއް ދިގެވެ. ހަށިގަނޑު ހިއްކެއްވެސް ނޫނެވެ. އަދި ފަލަ މީހެކޭ އަމުދުން ނުބުނާނެއެވެ. އެހެންނަމަވެސް އެއްފައިގައި ކުޑަ އައިބުކަމެއް ހުންނާތީ ހިނގައިބިނގާ ވުމުގައި ކުޑަ އުނދަގޫކަމެއް ހުރެއެވެ. އެހެންނޫންނަމަ އަހަންނަކީ ރަށުގައި ހުރި އެންމެ ރީތި އަންހެންކުއްޖާއެވެ.
އަހަރެމެންގެ ކައިވެންޏަށް ތިންމަސް ނުވަނީސް އަހަރެން ބަލިވެ އިނދެއްޖެއެވެ. ޢާންމުކޮށް މާބަނޑުވާ އަންހެނުންނަށް ދިމާވާ އެއްވެސް ދަތިކަމެއް، އުނދަގުލެއް އަހަންނަކަށް ދިމައެއް ނުވެއެވެ. އަހަރެން އުޅެމުން ދިޔައީ ބަލިވެ އިނުމުގެ ކުރިންވެސް އުޅުނު އުޅުމެވެ. އެންމެން ވެސް އެ ވާހަކަ ދައްކައެވެ.
ފަހުން ފަހުން އައިސް ޒާހިރު އަހަންނާ ގާތްވާ ކޮންމެ ފަހަރަކު އަހަރެންގެ ގައިން ދިލަ ހޫނެއް އިހުސާސްކުރެވެއެވެ. ޒާހިރު ދެކެ ހުންނަނީ ފޫހިވެފައެވެ. އެއީ ހޭލާ ހުންނަ އިރެވެ. ނިދި ޖެހިލީމާ އަހަންނަށް ޒާހިރުގެ ފަރާތުން ލޯބި ލިބެއެވެ. ނިދީގައި ޒާހިރު އަހަރެންގެ ފަރާތުން އުފާ ހޯދައެވެ. އަދި އަހަރެން ވެސް އެވެ. އަހަންނަށް އެ ގޮތް ކަމުދެއެވެ. އެކަމަކު ހަމަ ހޭލެވޭ އިރަށް ޒާހިރު މަތިން އަހަރެން ފޫހިވެއެވެ. ގިނަ ރޭރޭ އަހަރެންގެ ފަރާތުން އުފާ ހޯދުމަށްފަހު ޒާހިރު ނިކުމެގެން ދަނީއެވެ. އަހަންނަށް އެނގެއެވެ. އެދަނީ މަހަށެވެ. ޒާހިރު ދިރިއުޅުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.
އެއްދުވަހެވެ. އެއީ އަހަރެން ވަރަށް ހައިރާންވި ދުވަހެކެވެ. އަދި އެއީ އަހަންނާ ޒާހިރުގެ ކައިވެނީގައި ސިއްކަ ވެސް ޖެހުނު ދުވަހެވެ. މެންދުރެވެ. މަންމަ ކާން ގޮވުމުން އަހަންނާ ޒާހިރު ގޮސް ކާން އިށީނީ އެކީގައެވެ. ކައި ނިމުމުން ޒާހިރު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަދި އައިސް ބަލާށޭ ހައްވާ ގާތު މުހިންމު ވާހަކައެއް ބުނަން ވެފައި އެބައޮތޭ ބުންޏެވެ. ހަތްމަހުގެ ބަނޑާއެކު ތެދުވެގެން ބުރަހަށިކަމެއް ނެތް ހިނގުމުގައި އަހަރެން ޒާހިރުގެ ފަހަތުން ދިޔައީމެވެ.
ގޭގައި އަހަރެމެން ނިދާ ބަޔަށް ވަދެވުމާއެކު ޒާހިރު އަހަރެންގެ އަތުގައި ހިފައި އެނދުގައި ބެއިންދިއެވެ. އަދި އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު އަހަރެން ވަރިކުރަން ގަސްދުކުރާ ވާހަކަ ބުންޏެވެ. އަހަންނަށް ފުރަތަމަ އެ ވާހަކަ ގަބޫލުކުރަން ވެސް ދަތިވިއެވެ. ނަމަވެސް ވަރިކުރާ ސަބަބަކީ ކޮބައިތޯއެއް ނާހަމެވެ. އެކަމަކު ޒާހިރު އަމިއްލައިން ސަބަބުވެސް ބުނެދިނެވެ. އަހަރެންގެ ބޮލުގައި ބަދުނާމެއް ވެސް އަޅުވަމުންނެވެ.
”ހައްވައާ އަހަރެން އިނީ ހައްވަ ދެކެ ލޯބިން! އެކަމަކު އަހަރެންގެ ފުރާނަ ދެކެ އަހަރެން މާ ލޯބިވޭ!“ އަހަންނަށް ލިބުނު ހައިރާންކަން އަނެއްކާވެސް ދެގުނަ ވެގެން އައެވެ. އެކަމަކު އަނގައަކުން ނުބުނަމެވެ. އެއީ އަހަރެންގެ މިޒާޖެވެ.
”އަހަންނާ ކައިވެނިކޮށްގެން ހުއްޓަސް … ހައްވަގެ ފަރާތުން އުފާ ހޯދަނީ އެހެން ފަރާތެއް! އަދި ހައްވަ އުފާދެނީ ވެސް އެހެންފަރާތަކަށް! ބަނޑުގައި ތިވާ ދަރިފުޅާމެދު ވެސް އަހަރެން ޝައްކު!“ އެ ވަގުތު ޒާހިރު އެހެންބުނީ އަހަރެންގެ ބަނޑުގައި އިނގިލިކުރި ޖައްސަމުންނެވެ. އެކަމަކު އެ އިނގިލި އަހަރެންގެ ބަނޑަކު ނުޖެއެވެ. ޒާހިރު ކުއްލިއަކަށް އަތް ދަމައިގަތެވެ. ހީވީ އަލިފާންކޮޅެގައި އެ އިނގިލި ޖެހުނުހެންނެވެ. ދެން ފެނުނީ ޒާހިރު ފުންމައިގެން ތެދުވި ތަނެވެ.
”ހައްވަ ތިއިނީ ވަރިކޮށްފައި!“ ޒާހިރު ނިކުމެގެން ދިޔައީއެވެ. އަހަރެން އިނީ ރޯންވީކަމެއް ހޭންވީކަމެއް ނޭނގިފައެވެ. އެދުވަސް ނިމިގެން ދިޔައީ އަހަންނަށް އެހެން ދުވަސް ދުވަހެކޭ ވެސް ތަފާތެއް ނެތިއެވެ.
ރޭ ވުމަށްފަހު ހެނދުނު އިރު އެރީ މުޅިރަށަށް ބިރުވެރި ޚަބަރަކާ އެކީގައެވެ. ފުރަތަމަ އެ ޚަބަރު އަހަންނަށް ދިނީ މަންމަ އެވެ. މަންމަ ދުވަމުން ދުވަމުން އައިސް އަހަރެން ކައިރީ ހުއްޓެމުން އެހީ ރޭގައި ޒާހިރު ނިދަން އައިތޯއެވެ. ޖަވާބެއް އަހަންނަށް ދެވޭނީ ކިހިނެއް ހެއްޔެވެ! އަހަރެން އިނީ ޒާހިރު އަހަރެން ވަރިކުރި ވާހަކަ މަންމަ ގާތު ނުބުނެވި އޮތީމާ އެކަމާ ލަދުންނެވެ. ނުވަތަ ބިރުންނެވެ.
”ދަރިފުޅާއޭ މަންމަ ވާހަކަ މިދައްކަނީ! ޒާހިރު ރޭ ގެއަށް ނިދަން އައިހޭ!“ އަހަރެން ބޯ ޖަހައިލީމެވެ. ނޫނެކޭ ބުނަމުންނެވެ.
”އިއްޔެ ޒާހިރު އަހަރެން ވަރިކޮށްފި!“ އަހަރެން އެނދުން ތެދުވެ އިށީންނަމުން ބުނެލީމެވެ.
”އޯހް!“ މަންމަގެ އަޑު އަހަންނަށް އިވުނެވެ.
”ދަރިފުޅަށް އެނގޭތަ ޒާހިރު މަރުވެގެންނޭ މި އުޅެނީ!“
”މަރުވީއޭ! ކޮން އިރަކު! ޒާހިރު ބަލިވެއަކު ނޫނެއްނު އުޅެނީކީ ވެސް! ދެން ކީއްވެ! … “ އަހަންނަށް ލިބުނީ ޝޮކެކެވެ. އިއްޔެވެސް ނުލާހިކު ރަނގަޅަށް ހުރި މީހެކެވެ. ބައްޔެއްގެ އަސަރު އެއްގޮތަކަށް ވެސް ނެތެވެ.
މަންމަ އަހަރެން ގާތު އިރުކޮޅަކު އިނުމަށްފަހު ނިކުމެގެން ދިޔައީއެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ދެންވެސް އަހަރެން އިންތާ އިނީއެވެ.
ޒާހިރުގެ މަރާ ބެހޭގޮތުން ރަށުތެރޭގައި އެކިކަހަލަ ވާހަކަ ދެކެވުނެވެ. އެއީ ޒާހިރަށް ވެފައި އޮތްގޮތުންނެވެ. ނުވަތަ ހަދާލާފައި އޮތްގޮތުންނެވެ.
ޒާހިރުގެ ޖަނާޒާގެ ހުރިހާ ކަމެއްގައިވެސް އަހަރެންގެ އާއިލާ މީހުން އުޅުނެވެ. ޖަނާޒާގެ ކަންތަކުން ނިމިގެން އައިސް އަނެއްކާވެސް މަންމަ އަހަންނަށް އިތުރު ތަފުސީލް ދިނެވެ. ސަބަބަކީ ޒާހިރުގެ މޫނު ދެކެން ދާން އަހަރެން ފާޅުގައި ދެކޮޅު ހަދާފައިވާތީއެވެ.
މަންމަ ބުނި ގޮތުން ޒާހިރުގެ ކަނާތުގެ މަސްގަނޑުވަނީ ވީދާލާފައެވެ. އަދި އެ އަތުގެ ޝަހާދަތް އިނގިލި ވަނީ އަނދާ ކަޅުވެފައެވެ. ޒާހިރުގެ މުޅި ހަށިގަނޑުގައި ވެސް ވަނީ ޅިޔަ އެޅިފައެވެ. މަންމަ ބުނި ގޮތުން އެކަން ވައްތަރުވަނީ މަށަންދައްޗަކުން ބިންމަތީ ކޭއްތީމާ ހުންނަ ގޮތަށް އެތަން މިތަނުން ހަމާ މަހާ އެއްކޮށް ދަމައިގެންފައެވެ. ބައެއް ތަންތަނުން ކަށިގަނޑު ވެސް ފެނެއެވެ. ޒާހިރު ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. އަދި މަންމަ އެންމެ ފަހުން ބުނި ޖުމުލަ ވެސް އެހާ އަހަރެން ހައިރާން ކުރުވިއެވެ.
”އެތަނުން އެއްބަޔަކު ކި … ޒާހިރަށް އެ ހާލު ޖެހުނީ ދަރިފުޅާ އަވަލައިގެން އުޅޭ ޖިންނި ޒާހިރު ދެކެ ނުރުހުނީއޭ! ޒާހިރު އޭނަގެ ގާތްމީހުން ކައިރީ ކިޔޭ! ދަރިފުޅާ ޒާހިރާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަތާ އެތައް ދުވަހެކޭ! އެކަމާ ދަރިފުޅަށް ފަންޑިތަވެސް ހައްދާނަމޭ!“ މަންމަ ނިކުމެގެން ދިޔައީއެވެ. އެވާހަކަ އަހަރެން ގަބޫލުކުރާނީހެއްޔެވެ! ކޮންމެ ގޮތެއް ވިޔަސް ޒާހިރާމެދު ކަންތައް ވީ ގޮތުން އަހަރެން ވަރަށް ދެރަވިއެވެ.
ޖެހިގެން އައި މަހެވެ. އަހަރެންގެ ބަނޑަށް އަށްމަސް ފުރެން ހަފުތާއެއްވަރު އޮންނާނެއެވެ. އެއީ ވިއްސާރަ ޠޫފާނީރެއެކެވެ. ވާރޭ ހުއްޓާލާނެ އިރެއް ނޭނގެއެވެ. ހަނދުމަހުގެ ފަހުކޮޅުކަމުން އެހާ އަނދިރިއެވެ. މިހާރު ގޮތަށް ކަރަންޓުގެ އަލިކަން ލިބުނު ޒަމާނެއް ނޫނެވެ.
އަހަރެންގެ ބަނޑުގައި ރިއްސަން ފެށީ އިރާކޮޅުއެވެ. ބަންގި ދިންވަގުތު ބަނޑަށް އެރި ވޭންވަރަކާއެކު ރިއްސަން ފެށީއެވެ. ގަޑިން މެންދަމު ދޭއްޖަހަން އުޅެނިކޮށް ކުއްލިއަކަށް ވޭން މާގަދަވާން ފެށިއެވެ. އަދި ހަމަ ފާޚާނާއަކަށްވެސް ދާން ޖެހިއްޖެއެވެ. ފޫޅުމާދައިތަ އަހަރެން ހަނޑަސްގެއަށް ދާކަށް އެއްބައއް ނުވިއެވެ. އެކަމަކު އަހަރެން ދާން އެބަޖެހެއެވެ. މަންމައާ ފޫޅުމާ ދައިތަ އަހަންނަށް ވިސްނައިދެވޭތޯ އުޅުނެވެ. އެކަމަކު އެމީހުން ފޮޅާލާފަ އަހަރެން ތެދުވެގެން ހިނގައިގަތީމެވެ. މަންމަ އެތާހުރި ފުޅިބައްތި ހިފައިގެން އަހަންނާއެކު ހިނގައިގަތެވެ. ފޫޅުމާދައިތަ ވެސް ކުރިއަށް ހިނގައިގަތެވެ. ކުދިކިޔަމުންނެވެ. އެ ދެމީހުންނަކަށް އަހަންނެއް ނުބަލަމެވެ. ގޮސް ފާޚާނާކުރަން އަހަރެން އިށީނީ ކެޔޮފީންޏެއްގެ ބުޑުދަށުގައެވެ. ގޭގައި ގެންގުޅުނު ބޮޑުދޮލަނގެއް ގޭތެރެއިން މީހަކު އައިސް ފޫޅުމާދައިތަ އަތަށް ފޯރުކޮށްލިއެވެ. އެއީ ވާރެއިން ހިޔާވާން އޭނަ ގެނެސްދިން އެއްޗެކެވެ. ކުއްލިއަކަށް ވިދާލި ވިދުވަރަކާއެކު ޖެހުނީ މާ ފިނި ރޯޅިއެކެވެ. އެ ރޯޅި ގަދައެއް ނޫނެވެ. ނަމަވެސް ފުޅިބައްތީގެ ހުޅުކޮޅު ދެއަތަކަށް ހެލިލުމަށްފަހު ބައްތި ނިވިއްޖެއެވެ. އެ ވަގުތު އަހަންނަށް ފެނުނީ އެތައް ބައެކެވެ. ހުސް އަންހެނުންނެވެ. އެކި ކުލަކުލައިގެ ހެދުމުގައި އެމީހުން ފެންނަނީ އާދަޔާޚިލާފަށް ނަލަވެގެން ތިބިތަނެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ.
އެތަނުން އެކަކު ކުރިއަށް ޖެހިލާފައި ބުންޏެވެ. އަހަރެމެންގެ ދަރިފުޅު ލިބިގަތުމުގެ ވަގުތު ޖެހުނީއެވެ. ރައްކާތެރިކަމާއެކު ކުރިއަށް ހިނގާށެވެ. އެމީހުން އައިސް އެ އެންމެން އަހަރެން ވަށައިލިއެވެ. އެވަގުތު މަންމަ ބުނި އަޑު އަހަންނަށް އިވުނެވެ.
”ދަރުޅާ ހައްވާ! ތިހެން ގިނައިރު އިންނާކަށް ނުވާނެ! ތެދުވޭ! ހިނގާ!“ ނަމަވެސް އެވަގުތު އަހަރެންގެ ހަށިގަނޑަށް ލުޔެއްވެލާފިއެވެ. އަދި މީހަކު މަންމަ ކޮށްޕާލީމާ ވިއްސައިގެން ދާހެން ގޮސް ތަންކޮޅެއް ދުރަށް ވެއްޓުނުތަން އަހަންނަށް ފެނުނެވެ.
ހަމަ އެސިކުންތެވެ. އަހަންނަށް ފެނުނީ އަހަރެންގެ ދަރިފުޅުގެ ލޯބިލޯބި މޫނެވެ. މޫނުގެކަނާތްފަރާތުގައި ކަޅުކުލައިގެ ލަފެއް ހުއްޓެވެ. ދަރިފުޅު އަހަންނަށް ބަލައިލިއެވެ. އަދި މަންމާއޭ ކިޔައި އަހަންނަށް ގޮވައިލިއެވެ. ލޯބި ގޮތަކަށް ހީނލައިގެން އޮވެއެވެ. އަހަންނާ ކައިރިއަށް ޖެހިލި މިހުން އަހަރެންގެ ދަރިފުޅު ގޮވައިގެން ހިނގައިގަތީ އެ ދަރިފުޅުގެ ތުއްތުތުއްތު ދެލޮލުން އަހަންނަށް ބަލަހައްޓައިގެން އޮތްވައެވެ. އަހަރެން ރޯން ފަށައިފީމެވެ.
”މަންމާ މަންމާ އެ ގެންދަނީ އަހަރެންގެ ދަރިފުޅު! މަންމަ އަހަރެންގެ ދަރިފުޅު އަތުލާ!“ އަހަރެން ހޭނެތުނީއެވެ.
ހޭނެތުނު ގޮތަށް އަހަރެން ދެ ރޭ ދެ ދުވާވަންދެން އޮތެވެ. އެ އޮތް އިރު އަހަރެން ކިޔައިދިންކަމަށް މަންމަ ފަހުން ބުންޏެވެ.
އަހަރެންގެ ދަރިފުޅު ގެންދިޔައީ އޭނަގެ ބައްޕަ ފަރާތު އާއިލީ މީހުންނެވެ. އޭނަގެ ބައްޕައަށް އަހަރެން ފެނުނީ އަހަރެންގެ އުމުރުން ދިހަ އަހަރުގައި އެއްދުވަހަކު އަހަރެންގެ ގޭގެ ފުޅަށްމަތީ އިންދައެވެ. އަހަރެން އުޅުނީ ކުޅެން ނުކުމެއެވެ. ހިސާބުގަނޑުގެ ކުދިންނާ އެއްކޮށެވެ. ދަރިފުޅުގެ ބައްޕަ ވެސް އިނީ އަހަރެމެން ކުޅޭތަން ބަލަން އެތާ މަޑުކޮށްގެންނެވެ. ބަންގިދިނުމުން ވެސް އަހަރެމެން ކުޅުން ހުއްޓާނުލުމުން މަންމަ އައިސް އަހަރެން ދަމާ ގޭތެރެއަށް ވައްދަން ދިޔައިރު އަހަރެން ގަދަހެދީއެވެ. އަދި ރުޅިއައިސްގެން ފުޅަފުގައި ހިފައި އެލިގަތީއެވެ. އެކަމަކު ހަގީގަތުގައި އަހަންނަށް އެއްލި އަތުން އެލިގަނެވުނީ ބަކަމޫނެއްގެ ސިފާގައި އެތާއިން ދަރިފުޅުގެ ބައްޕަގެ އެއްފިޔާގައެވެ. އެ ހިސާބުން ދަރިފުޅުގެ ބައްޕަޔާ އަހަންނަށް އިނދެވުނީއެވެ. އެއީ ތޫރާބެވެ. އާނއެކެވެ. އެއީ އަހަރެންގެ އަލަތު ފިރިމީހާއެވެ.
ދަރިއަކު ވިހެއުމަށްފަހު ދަރިފުޅު ގެއްލުވައިލުމުގެ ކުށުގައި އަހަރެންގެ މައްސަލަ ބެލުނެވެ. މާލެއިން ވެސް ސިފައިން އައިސް އެ މައްސަލަ ތަޙުގީގުކުރިއެވެ. އެކަމަކު އަހަރެންގެ އެއްވެސް ކުށެއް އަދި ފޫޅުމާ ދައިތައާއި މަންމަގެ ވެސް ކުށެއް ނުފެނުމުން މައްސަލަ ނިންމައިލީއެވެ.
އެހެން ދިރިއުޅުމެއް އަހަރެން ފެށީ އޭގެ ހަ އަހަރު ފަހުންނެވެ. މިހާރު އަހަރެންގެ އިތުރު ހަތަރުކުދިން އެބަތިއްބެވެ. އެހެން އިންސާނުން ފަދަ ކުދިންނެވެ. ނަމަވެސް އަހަރެންގެ ފުރަތަމަ ދަރިފުޅު މިހާރުވެސް އަހަންނާ ބައްދަލުކުރެއެވެ. ހުވަފެނުގައި އެ ދަރިފުޅު އަހަންނާ ބައްދަލުކުރިއަސް އަހަންނަށް ފުދެއެވެ. އެންމެ ފަހުން އެ ދަރިފުޅު އަހަންނަށް ފެނުނުއިރު ބޮލުގައި ވަނީ ނުރަޖަހަން ފަށާފައެވެ. ތުނބުޅި ހުރީ ހެޔޮވަރަކަށް ދިގުކޮށްފައެވެ. މިހާރު އެއީ ރީތި ފުރިހަމަ ފިރިހެނެކެވެ.
ނިމުނީ





