ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުރި ސޮފްވާން އަހުމަދާ މެދު ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން، މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހު ބޭއްވި ވީއޭއެމްގެ ހާއްސަ އާންމު ޖަލްސާގައި އޭނާ މަގާމުން ވަކިކުރުމަށް ނިންމުމާ ގުޅިގެންނެވެ. ސޮފްވާނަކީ މީގެ ކުރިން ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމުވެސް އަދާކޮށްފައިވާ ފަރާތެކެވެ.
ވީއޭއެމުން ބުނި ގޮތުގައި، ހުސްވެފައިވާ މެންބަރުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 1 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން އޮންނާނީ އަންނަ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.
މި އިންތިހާބުގައި ހޮވޭ މެންބަރަކު މަގާމުގައި ދެމިހުންނާނީ މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. އެ ދައުރު ހަމަވާނީ 1 އެޕްރީލް 2029 އަށެވެ.
ވީއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި، އެސޯސިއޭޝަނުގެ މެންބަރު ކުލަބެއްގެ މެންބަރެއް ނުވަތަ އަމިއްލަ މެންބަރަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުމާއި، ބުއްދި ސަލާމަތުން ހުރުމަކީވެސް މަގާމަށް ކުރިމަތިލުމަށް ކޮންމެހެން ބޭނުންވާ ޝަރުތުތަކެކެވެ.
މި މައްސަލައާ ގުޅިގެން ވީއޭއެމުން ވަނީ ސޮފްވާން އަހުމަދު މުޅި އުމުރަށް ވޮލީބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ. އަދި އެއްވެސް މެންބަރު ކުލަބެއްގެ ހިންގާ ކޮމިޓީއެއްގައި އޭނާ ހިމެނޭނަމަ، 60 ދުވަހުގެ ތެރޭގައި އޭނާ އެ މަގާމަކުން ވަކިކުރުމަށް ކުލަބުތަކަށް ވަނީ އަންގާފައެވެ. އޭނާ މަގާމުން ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުން ދޫކުރާ ލިޔުމެއް އެސޯސިއޭޝަނަށް ހުށަހެޅުމަށްވެސް ވީއޭއެމުން ވަނީ އިރުޝާދު ދީފައެވެ.





