މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައި އޮތުމަށްފަހު، މިހާރު ރާއްޖޭގެ ވައި ސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި، މި ދުވަސްވަރު މުޅި ރާއްޖެއަށް ވައި ޖެހެމުންދަނީ އިރުއުތުރުން ކަމަށްވާތީ، ރާއްޖޭގެ ވައިގެ ފެންވަރު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ. ވައިގެ ސާފުމިން ބަލާ ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ’އައިކިއުއެއާ‘ ބަލާ ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ’އައިކިއުއެއާ‘ އިން ދައްކާ ގޮތުގައި، ޖުމްލަގޮތެއްގައި މުޅި ރާއްޖޭގެ ވައި މިހާރު ވަނީ ސާފުވެފައެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީގައި ވައިގެ ސާފުމިން ހުރީ 53 ގައެވެ. މިއީ އެ މިންގަނޑުން ބަލާނަމަ ”ރީނދޫ ސަމާލު“ ނުވަތަ މެދު މިންވަރެއްގެ ސާފުމިނެކެވެ.
ނަމަވެސް، މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިއަދު މާލެ ސަރަހައްދު އޮތީ ”ފެހި ސަމާލު“ ގައެވެ. މިއީ ވައިގެ ކޮލިޓީ ހުރުން އެންމެ ރަނގަޅު މިންވަރެވެ. މާލޭގެ އިތުރުން ދ. ކުޑަހުވަދޫ، ލ. ގަން އަދި އައްޑޫ ސިޓީގެ ވައިގެ ސާފުމިން ވެސް މިހާރު ހުރީ ފެހި ސަމާލުގައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައި ވަނީ އަވަށްޓެރި ގައުމުތަކުން އަންނަ ދުމާއި ހިރަފުހުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ވައިގެ މިސްރާބަށް އައި ބަދަލާއެކު މި ނުރައްކާތެރިކަން ވަނީ ކެނޑިފައެވެ.





