މާލޭގެ މާފަންނުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމަށް އިތުރު އެއް ދުވަހުގެ ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ރޭ ހިނގާދިޔަ ހާދިސާގެ ސަބަބުން ކެންޑިޑޭޓުންނަށް ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކޮށް، ލިސްޓުގައި ސޮއިކުރުމަށް އިތުރު ވަގުތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އާ ހަމައަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރި ނަމަވެސް، ކުރިން ކަނޑައަޅާފައިވާ ގަޑިތަކުގައި މިއަދުވެސް ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި މި މަސައްކަތް ކުރިއަށްދާނެ ކަމަށް އީސީން ބުނެއެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބުގެ ތާވަލާ އެއްގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. މި ހާދިސާއާ ގުޅިގެން އިންތިޚާބީ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާނެހެން ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.





