ހއ. ހޯރަފުށީގެ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު ތިން މަޝްރޫޢެއް ކަމަށްވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހޯރަފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 25.07 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 580 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 1,496 މީޓަރުގެ ސަރަޙައްދެއްގައި ބައޮސްވޭލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި ބޮޑު މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 199.6 މިލިއަން ރުފިޔާއަށް، 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެ އިތުރުން، ހޯރަފުށީގެ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢަކީ 44.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހޯރަފުށީގެ މަގުހެދުމުގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްގެންދަނީ އެމްޓީސީސީގެ ފަރާތުންނެވެ.
މި މަޝްރޫޢުތަކަކީ ހޯރަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ އުމްރާނީ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.





