ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ރާވާ ހިންގާ ނުވަތަ އެ އިދާރާގެ ބެލުމުގެ ދަށުން ބާއްވާ އެންމެހާ މުބާރާތްތަކެއްގައި ވާދަކުރާ އަންހެން ޓީމުތަކުގެ ކޯޗުންގެ ގޮތުގައި އަންހެނުން ތިބުން މަޖުބޫރުކުރަން ނިންމައިފިއެވެ.
މި ތާރީޚީ ބަދަލު ގެނައުމަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައެވެ. މި ބަދަލަކީ ފުޓުބޯޅަ ކޯޗިންގެ ދާއިރާގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އަންހެނުންނަށް އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ގެނައި ބަދަލެއް ކަމަށް ފީފާއިން ހާމަކުރެއެވެ.
ފީފާގެ އާ ގަވައިދުގައިވާ ގޮތުން، ފީފާގެ މުބާރާތްތަކުގައި ވާދަކުރާ ކޮންމެ އަންހެން ޓީމެއްގެ ހެޑް ކޯޗެއްގެ ގޮތުގައި ނުވަތަ އެސިސްޓެންޓް ކޯޗެއްގެ މަޤާމުގައި އަންހެނަކު ހުރުން މިހާރު ލާޒިމްވާނެއެވެ. މީގެ އިތުރުން، މެޗުތަކުގައި ޓީމުގެ ބެންޗުގައި އޮފިޝަލެއްގެ ގޮތުގައި ވެސް މަދުވެގެން އިތުރު އެއް އަންހެނަކު އިންނަންޖެހޭނެ ކަމަށް މި ބަދަލުގައި ބަޔާންކޮށްފައިވެއެވެ.
މި އާ އުސޫލުތައް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަހަރު ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކުން ފެށިގެންނެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕާއި، އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގެ އިތުރުން އަންހެނުންގެ ޗެމްޕިއަންސް ކަޕްގައި ވެސް މި ގަވައިދަށް ޢަމަލުކުރަން ޖެހޭނެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ބޭއްވި އަންހެނުންގެ ވޯލްޑް ކަޕުގައި ވާދަކުރި 32 ޓީމުގެ ތެރެއިން ހެޑް ކޯޗުންގެ ގޮތުގައި އަންހެނުން ތިބީ އެންމެ 12 ޓީމުގައެވެ. ފީފާގެ އުއްމީދަކީ މި ގެނެވުނު ބަދަލާއެކު، 2027 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޯލްޑް ކަޕް ފެށޭއިރު، ފުޓުބޯޅައިގެ ފަންނީ ދާއިރާގައި އަންހެނުން އަދާކުރާ ދައުރު ވަރަށް ބޮޑުތަނުން އިތުރުވެގެންދިއުމެވެ.





