އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބޯންމަތު ބައްދަލުކުރި ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފޯރިގަދަވެގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 61 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި އަށްވަނަ ލަނޑެވެ. ނަމަވެސް، ޔުނައިޓެޑަށް ލީޑުގައި ހިފަހައްޓާލެވުނީ އެންމެ ހަ މިނިޓު ވަންދެނެވެ. މެޗުގެ 67 ވަނަ މިނިޓުގައި ބޯންމަތުގެ ރަޔާން ކްރިސްޓީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ 71 ވަނަ މިނިޓުގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑަކީ ޔުނައިޓެޑަށް ލިބުނު ކޯނަރެއް ބްރޫނޯ ފެނާންޑޭޒް ނެގި ވަގުތު ބޯންމަތުގެ ޖޭމްސް ހިލްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ޔުނައިޓެޑަށް މެޗުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 78 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން އަށް އޭރިޔާ ތެރެއިން ފައުލް ކުރުމާ ގުޅިގެން، ޔުނައިޓެޑްގެ ހެރީ މެގުއާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. މި ފައުލާ ގުޅިގެން ބޯންމަތަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ޖޫނިއާ ކްރޫޕީ ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މެގުއާ އަށް ރަތް ކާޑު ދެއްކިއިރު، 2024 ވަނަ އަހަރަށްފަހު އޭނާ އަށް އިނގިރޭސި ގައުމީ ޓީމުން އަލުން ފުރުސަތު ލިބިފައިވަނީ ވެސް އިއްޔެގެ ވަގުތެއްގައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު، ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 31 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި ބޯންމަތު އޮތީ 42 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.





