މި ބަރަކާތްތެރި ރޯދަމަހަކީ ތަފާތު މީރު ރަހަތައް ތަޖުރިބާކޮށްލުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. އެގޮތުން މިއަދު ”ރޯދަ ބަދިގެ“ އިން މި ގެނެސްދެނީ ވަރަށް ފަސޭހައިން އަދި އެހާމެ އަވަހަށް ތައްޔާރުކޮށްލެވޭނެ، ދިވެހިންގެ މަގުބޫލު ވަޅޯމަސް ބޭނުންކޮށްގެން ތައްޔާރުކުރާ ”ވަޅޯމަސް އަގްލިއޯ އޯލިއޯ“ ސްޕެގެޓީގެ ރެސިޕީއެވެ.
މި ރެސިޕީއަކީ 2 މީހުންނަށް ފުދޭނެ މިންވަރެކެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ވަޅޯމަސް
- 250 ގްރާމް ސްޕެގެޓީ
- 10 ލޮނުމެދު
- 20 ހިކަނދިފަތް
- 10 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)
- 1/3 ޖޯޑު އޮލިވް އޮއިލް
- 6 ޖޯޑު ފެން (ސްޕެގެޓީ ކައްކަން)
- 1 ޖޯޑު ސްޕެގެޓީ ކެއްކި ފެން
- ލޮނު (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ވަޅޯމަހާއި، ލޮނުމެދު އަދި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ. އަދި ހިކިމިރުސްކޮޅު ބައި އިންޗީގެ އެތިކޮޅުތަކަށް ބުރިކޮށްލާށެވެ.
ދެން ބޮޑު ތެއްޔަކަށް ފެނާއި ލޮނު އަޅައިގެން ކައްކަން އުދާށެވެ. ފެންގަނޑު ބޮކިޖަހާފައި ކެކިގަތުމުން ސްޕެގެޓީކޮޅު އަޅާލައި، ގާތްގަނޑަކަށް 12 މިނިޓު ނުވަތަ ސްޕެގެޓީ މަޑުވަންދެން ކައްކާށެވެ. ސްޕެގެޓީ މަޑުވުމުން އޭގެ ތެރެއިން 1 ޖޯޑު ފެން ނެގުމަށްފަހު، ބާކީ ހުރި ފެންގަނޑު ފުރާނާލާފައި ސްޕެގެޓީކޮޅު ވަކިން ބަހައްޓާލާށެވެ.
އެއަށްފަހު، ތެއްޔަކަށް އޮލިވް އޮއިލް އަޅައި ހޫނުވުމުން ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދަށް ރަންކުލަ އަރަންދެން މެދު ގިނީގައި ކައްކާލުމަށްފަހު، ހިކަނދިފަތާއި ހިކިމިރުސް އަޅައިގެން 2-3 މިނިޓު ވަންދެން އެއްކުރަމުން ކައްކާށެވެ. ދެން ވަޅޯމަހާއި ލޮނު އަޅައި، އިތުރު 2 މިނިޓުވަރު ކައްކާލުމަށްފަހު ސްޕެގެޓީކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ.
އެންމެ ފަހު ފިޔަވަޅަކީ ކުރިން ނެގި 1 ޖޯޑު ފެން ތެއްޔަށް އަޅައި، 5-6 މިނިޓު ވަންދެން މެދު ގިނީގައި ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާލުމެވެ. ބޭނުންނަމަ ކާލާއިރު މައްޗަށް ޗީޒް ކޮޅެއް އަޅާލުމުން ރަހަ އިތުރަށް ފުރިހަމަވާނެއެވެ.
މިއީ ރޯދަ ވީއްލުމަށް ނުވަތަ ހާރުކެއުމަށްވެސް ނިކަން މީރު އަދި ފަސޭހަ ކެއުމެކެވެ.





