މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ޖަރުމަންވިލާތުގެ މަޝްހޫރު އެއާލައިން، ކޮންޑޯގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
ކޮންޑޯ އެއާލައިންގެ 2026 ވަނަ އަހަރުގެ ’ލޯންގް-ހޯލް‘ ޝެޑިއުލްގައިވާ ގޮތުން، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރުތައް ބާއްވާނެއެވެ.
މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.
ކޮންޑޯ އެއާލައިނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ޖަރުމަނުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހުގައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގަދަ 10 ގައުމުގެ ލިސްޓުގައި ޖަރުމަން އަބަދުވެސް ހިމެނެއެވެ. އެހެންކަމުން، ކޮންޑޯގެ މި ދަތުރުތަކާއެކު ޖަރުމަނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.





