ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީ.އެސް.އޭ) އަކަށް ”މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑް“ އައްޔަނުކޮށްފިއެވެ. މިއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މޯލްޑިވިއަން އިން މިހާރު ދަނީ ވައިޑް-ބޮޑީ އޭ330-200 މަރުކާގެ ބޯޓުގައި ޗައިނާއަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފެށި މި ދަތުރުތަކާއެކު، ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެ އެއާލައިނުން ފާހަގަކުރެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، ޗައިނާއަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި އެންމެ އިސްކަންދޭ އެއް މާކެޓް ކަމަށެވެ. އަދި މެގަކެޕް އައްޔަނުކުރުމަކީ އެ މާކެޓަށް މޯލްޑިވިއަން އިން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށާއި، އެ ކުންފުންޏާ ގުޅިގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އިތުރު ޗައިނާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ދެކޭގޮތުގައި، މެގަކެޕްގެ ތަޖުރިބާގެ އަލީގައި ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، މޯލްޑިވިއަންގެ މަގުބޫލުކަން އެ ގައުމުގައި އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. މިދިޔަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމަކާއެކު، ޖުމްލަ 329,110 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ މެދާ ހަމައަށްވެސް 86,464 ފަތުރުވެރިން ޗައިނާއިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 15.6 އިންސައްތަކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.





