ހުޅުމާލޭ ފޭސް ދޭއްގައި ތަރައްޤީކުރާ ”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުގެ މަސައްކަތްތައް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ) ގެ ހުޅުމާލޭ ފޭސް ދޭއްގެ ސައިޓަށް މިއަދު ޒިޔާރަތް ކުރައްވައި، މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހުއެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކުރިއަށްގެންދާ، 1224 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ މަސައްކަތުގެ ސައިޓަށް ޒިޔާރަތް ކުރައްވާފައި މިވަނީ، ރޭ ބޭއްވުނު މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސީއެމްއީސީގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މުހިންމުކަން ފާހަގަކުރައްވައި، މި މަޝްރޫޢުގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއްނެތި، ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވުމަށް ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ސީއެމްއީސީގެ އިސްވެރިން ވަނީ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚުތަކަށް ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި، މަޝްރޫޢުގެ ފައިނޭންސަރ ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން، ސީއެމްއީސީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ރައްޔިތުންނަށް އެފޯޑަބަލް ނުވަތަ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.





