އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރުމަށް، ދުނިޔޭގެ މަގުބޫލު މީސް މީޑިއާ މަންސައެއް ކަމަށްވާ ޕިންޓްރެސްޓްގެ ސީއީއޯ ބިލް ރެޑީ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް ގޮވާލައްވައިފިއެވެ. އޭނާ މިކަމަށް ގޮވާލެއްވީ، މިހާރު ހުރި މީސް މީޑިއާ މަންސަތަކުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ކުރިއެރުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޓައިމް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ރެޑީ ވިދާޅުވީ، މީސް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒުކުރެވޭނެ ސާފު މިންގަނޑުތަކެއް ބޭނުންވާ ކަމަށެވެ. މިއަދުގެ ޒުވާނުން ތަހައްމަލު ކުރަމުންދަނީ ތާރީހުގައިވެސް ހިނގާ އެންމެ ބޮޑު ”އިޖުތިމާއީ ތަޖުރިބާ“ ކަމަށާއި، އެއްވެސް ހިފެހެއްޓުމެއް ނެތް މީސް މީޑިއާގެ ސަބަބުން ކުދިންގެ މެދުގައި ހާސްކަމާއި، ނަފްސާނީ ބަލިމަޑުކަމާއި، ސަމާލުކަން ދިނުމުގެ މައްސަލަތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރެޑީގެ ވާހަކަފުޅުގައި، ޓެކްނޮލޮޖީ ކުންފުނިތަކުން އަމިއްލައަށް ފިޔަވަޅު އަޅާނެ ކަމަށް ބަލައިގެން ތިބުމުގެ ބަދަލުގައި، ސަރުކާރުތަކުން ހަރުދަނާ ގަވާއިދުތަކެއް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ މަނާކުރާ ބައިނަލްއަގުވާމީ މިންގަނޑެއް އޮންނަންޖެހޭ ކަމަށާއި، މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކާއި އެޕްލިކޭޝަންތައް މިކަމަށް ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
އޮސްޓްރޭލިއާއިން އެ ގައުމުގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ނިންމި ނިންމުމަކީ އެހެން ގައުމުތަކުން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރެޑީ ވިދާޅުވީ، މީސް މީޑިއާގައި ބޭނުންކުރާ އޭއައި ޗެޓްބޮޓްތަކުގެ ސަބަބުން ކުދިންގެ އުޅުމާއި އިހުސާސްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެ، ނުރައްކާ އިތުރުވެފައިވާ ކަމަށެވެ.
ޕިންޓްރެސްޓުން މިހާރުވެސް 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތަކުން މެސެޖު ކުރުމާއި އާންމުކޮށް މުާމަލާތްކުރުން ފަދަ ކަންކަން ހަނިކޮށްފައިވާކަން ފާހަގަކުރަމުން، ރެޑީ ވިދާޅުވީ މިފަދަ ހަރުކަށި އުސޫލުތަކަކީ ކުންފުނިތަކަށް މާލީ ގޮތުން ގެއްލުންނުވެ ތަންފީޒު ކުރެވިދާނެ ކަންކަން ކަމަށެވެ.
ކުޑަކުދިން މީސް މީޑިއާ ބޭނުންކުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާރުވެސް އޮސްޓްރޭލިއާގެ އިތުރުން ފްރާންސް، ސްޕެއިން، އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.





