ބަރަކާތްތެރި ރޯދަމަހުގެ އިފްތާރުގެ ސުފުރާމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ، ދިވެހިންގެ މެދުގައި މަގުބޫލު ”ރަވާ ބޯކިބާ“ ތައްޔާރުކުރާނެ ގޮތް މިއަދުގެ ރޯދަ ބަދިގެއިން މިވަނީ ހިމަނާލާފައެވެ. މި ބޯކިބަލަކީ މާފޮނިގަދަ ނޫން، ނަމަވެސް އަނގަޔަށް މީރު، ދިވެހި ރަހަތަކުން ފުރިފައިވާ ފޮނިއެއްޗެކެވެ.
މި ރެސިޕީއަކީ ހާއްސަކޮށް ރާނބާފަތާއި، ފޮނިތޮށްޓާއި ކާފުރުތޮޅީގެ މީރުވަސް ދުވާގޮތަށް ތައްޔާރުކުރެވޭ ބޯކިބަލެކެވެ. މި ރެސިޕީ ބޭނުންކޮށްގެން ½ 7 އިންޗީގެ ވަށް ބޯކިބަލެއް ތައްޔާރުކުރެވޭނެއެވެ.
ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމުސާ ގިތެޔޮ
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- ¼ ޖޯޑު ރޯ ކެޝޫނަޓް
- 2 މޭޒުމަތީ ސަމުސާ ހިކިމޭބިސްކަދުރު
- 1 ޖޯޑު ރަވާ (ސޫޖީ)
- 2 ޖޯޑު ފެން
- 1 ދަޅު ވިނަމިލްކް ސްޓާ ޕްރިމިއަމް ކޮންޑެންސްޑް ކްރީމަރ (380 ގްރާމް)
- ¼ ޖޯޑު ހަކުރު
- ½ ސައިސަމުސާ މުގުރި ފޮނިތޮށި އަދި ކާފުރުތޮޅި
- 9 އިންޗި ރާނބާފަތް (3 ބަޔަށް ކޮށާފައި)
- 1 ސައިސަމުސާ ރޯޒް ވޯޓަރ
- 2 ބިސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތެއްޔަކަށް ގިތެޔޮ އަޅާ ހޫނުކުރުމަށްފަހު ފިޔާކޮޅު އަޅާ 2 މިނެޓް ވަންދެން މެދުގިނީގައި ރަތްކޮށްލާށެވެ. އެއަށްފަހު ކެޝޫނަޓްސްއާއި ހިކިމޭބިސްކަދުރު އަޅާ، ރަންމުށިކުލަ އަރަންދެން ކައްކާށެވެ. މީގެ ތެރެއިން 2 ސަމުސާ ފިޔާކޮޅު، ބޯކިބާ ފިހެ ނިމުމުން މައްޗަށް އެޅުމަށް ވަކިން ނަގާށެވެ.
ދެން އެ ތެއްޔަށް ރަވާކޮޅު އަޅާ، ހުއްޓާނުލާ ހަލަމުން ރަންމުށިކުލަ އަރަންދެން ހަނާކުރާށެވެ. ރަވާކޮޅު ހަނާވުމުން މަދުމަދުން ފެން އަޅަމުން، ގުޅަވިއަ ނުދީ ދެތިން މިނެޓް ކައްކާށެވެ. މީގެ ތެރެއަށް ކޮންޑެންސްޑް ކްރީމަރ އަޅާ އެއްކުރުމަށްފަހު، ރަވާގަނޑު އޮލަވުމުން ހަކުރާއި، ރާނބާފަތާއި، ފޮނިތޮށި، ކާފުރުތޮޅި އަދި ކުރިން ރަތްކުރި ފިޔާކޮޅުގެ ބައެއް އަޅާ އެއްކޮށްލާށެވެ. ރޯޒް ވޯޓަރ އެޅުމަށްފަހު އުނދުންމަތިން ބާލާ، ކުޑަކޮށް ހިހޫވުމުން ބިސްކޮޅު ގިރާފައި އަޅާ އެއްކޮށްލާށެވެ.
ފިހުމަށްޓަކައި، ގިތެޔޮ ހާކާފައިވާ ½ 7 އިންޗީގެ ތަބަކަކަށް ރަވާގަނޑު އަޅާށެވެ (ރާނބާފަތްތައް ނެގުމަށްފަހު). 180 ޑިގްރީ ސެލްސިއަސްގައި 10 މިނެޓް ވަންދެން ހޫނުކޮށްފައިވާ އަވަނެއްގައި 45 މިނެޓް ވަންދެން ބޯކިބާ ފިހާށެވެ. ފިހެ ނިމުމުން ބޯކިބަލުގެ މައްޗަށް ރަންމުށިކުލަ އަރާފައި ހުންނާނެއެވެ.
އަވަނުން ނަގައި 30 މިނެޓް ވަންދެން ހިހޫކުރުމަށްފަހު، ކުރިން ވަކިކުރި ފިޔާކޮޅާއި ނަޓްސްކޮޅު މައްޗަށް އަޅާލާށެވެ. މި ބޯކިބާ ކާން އެންމެ މީރުވާނީ ފިނި ނުކޮށް ހުއްޓައެވެ.





