މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ސްރީލަންކާގައި ތެލުގެ އަގު 25 އިންސައްތަ ބޮޑުކޮށްފިއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ލަންކާގައި ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ.
މި ގެނެވުނު ބަދަލާއެކު، ކުރިން 317 ރުޕީސް އަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 398 ރުޕީސް (1.30 ޑޮލަރު) އަށް އުފުލިފައެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމުގައި އެންމެ ގިނައިން ބޭނުންކުރާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 79 ރުޕީސް އިތުރުވެ، 382 ރުޕީސް އަށް ބޮޑުވެފައެވެ. މީގެ ކުރިން މިދިޔަ ހަފުތާގައި ވެސް ލަންކާ ސަރުކާރުން ވަނީ ތެލުގެ އަގު އަށް އިންސައްތަ ބޮޑުކުރުމަށް އަމުރުކޮށްފައެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަގުތަކަށް ގެނައި މި ބަދަލާއެކު ގައުމުގައި ތެޔޮ ބޭނުންކުރާ މިންވަރު 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި، ހަކަތައިގެ ދާއިރާ އޮންނަންޖެހޭނީ ތައްޔާރީ ހާލަތެއްގައި ކަމަށް ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ މިދިޔަ ހަފުތާގައި ވިދާޅުވެފައިވާ ކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މަތިވަމުންދާތީ، ލަންކާ ސަރުކާރުން ވަނީ ތެލުގެ ޚަރަދު ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން، ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
ސްރީލަންކާއަކީ ބޭނުންވާ ތެޔޮ އެއްކޮށް ބޭރުން އެތެރެކުރާ ގައުމެކެވެ. އެ ގައުމަށް އާންމުކޮށް ތެޔޮ އެތެރެކުރަނީ ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުންނެވެ. ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ލަންކާގެ އާންމު ތަކެތީގެ އަގުތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.





