ސްރީލަންކާއިން އެދިއްޖެ ހިނދެއްގައި އެ ގައުމަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އީރާނުން ތައްޔާރަށް އޮތްކަމަށް، ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އަލީރެޒާ ދެލްޚޯޝް މިއަދު ވިދާޅުވެއްޖެއެވެ.
ކޮލަމްބޯގައި ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، އީރާނާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުމުގެ ދަށުން، ތެލުގެ އިތުރުން ވެސް ލަންކާއަށް ބޭނުންވާ ޒަރޫރީ މުދާ ފޯރުކޮށްދިނުމަށް އީރާނުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އީރާނާ އެކުވެރި ގައުމުތަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.
ސަފީރުގެ ވާހަކަފުޅުގައި، ސްރީލަންކާއަކީ އީރާނުން ވަރަށް ބޮޑަށް އިޙްތިރާމްކުރާ ގައުމެއްކަން ފާހަގަކުރައްވައި، ލަންކާ ރައްޔިތުން ދަތި ހާލެއްގައި އުޅެންޖެހުމަކީ އީރާނުން އެދޭ ގޮތް ނޫންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަހުގެ ކުރީކޮޅު އެމެރިކާގެ ސަބްމެރީނަކުން ދިން ޓޯޕީޑޯ ހަމަލާއެއްގައި ލަންކާ ކައިރިއަށް ފެތުނު އީރާނުގެ މަނަވަރު ”އައިއާރްއައިއެސް ދޭނާ“ ގެ ފަޅުވެރިން ސަލާމަތްކުރުމުގައި ލަންކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކުރައްވައި، ސަފީރު ވަނީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެ ހާދިސާގައި ލަންކާގެ ކަނޑުގެ ސިފައިން ވަނީ މަނަވަރުގައި ތިބި މީހުންގެ ތެރެއިން 32 މީހަކު ސަލާމަތްކޮށްފައެވެ.
އީރާނުގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހިކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އީރާނު ސަރުކާރުން ތައްޔާރަށް އޮތްކަމަށް ވެސް ސަފީރު އަލީރެޒާ ވިދާޅުވިއެވެ.
މި ފަހުން ލަންކާއިން ވަނީ އީރާނާ ހަނގުރާމަ ކުރާ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓް ފަހަރަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ނުދޭން ނިންމައިފައެވެ. އީރާނުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ހުށަހެޅީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ.






އަވަށްޓެރި ސްރީލަންކާގެ ރައީސްގެ އިންސާނިއްޔަތުކަންއެބަހުރި ޚުދުމުޚުތާރު ގައުމަކުން މޮޔަވެފައިވާ ރައީސަކު ކުރަމުންދާ ހަނގުރާމަޔަށް އެހީތެރިވުމަށް ދެކޮޅުހެއްދެވިކަމީ ދްރީލަންކާގެ ރައީސްގެވަރަށް ސާބިތުކަމާއި ކެރިގެންކުރެއްވިކަމެއް އެކަމަށްޓަކާ ސްރީލަންކާގެ ރައީސްއާއި ރައްޔިތުންނަށް ހައްޤްޝުރުދައްނަވަން …