ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އަމުރުގެ ދަށުން ފުލުހުން ހޯދަމުންދަނީ ނ. މިލަދޫ، ބަގީޗާގެ، އިބްރާހީމް ޙަބީބުﷲ (31އ) އެވެ.
އިބްރާހީމް ޙަބީބުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައިގެ ޝަރީއަތަށް ހާޒިރުކުރުމަށެވެ. ކޯޓު އަމުރުގައިވާ ގޮތުގެ މަތިން އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 08:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދޭން ޖެހެއެވެ.
ފުލުހުން ވަނީ އިބްރާހީމް ޙަބީބުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކުރެއެވެ.





