20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށުމަށް ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް ކުރިހޯދައި ނޭޕާލްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ނޭޕާލްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ނޭޕާލްއިން ވަނީ ވަރުގަދަ އެޓޭކްތަކެއް އުފައްދާ ބޫޓާންގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ނޭޕާލްއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑަކީ ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލި ބޯޅައެއް ކީޕަރު އަތުން ހިފުމާ ގުޅިގެން ލިބުނު ނުސީދާ (އިންޑައިރެކްޓް) ފްރީކިކަކުން ކާމިޔާބުކުރި ލަނޑެކެވެ. ކުޑަ އޭރިއާގެ ބޭރުން ލިބުނު މި ފުރުސަތުގައި ނޭޕާލަށް ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ސުޖަން ޑަންގޮލްއެވެ.
ނޭޕާލުން މެޗުގެ ކޮންޓްރޯލް ނަގާފައިވަނިކޮށް، ބޫޓާނަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމުގެ ތިންލޭ ޔެޒަރަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އެކަކު މަދުކޮށް ކުޅެން ޖެހުމުން ބޫޓާނަށް ފުރަތަމަ ހާފުގައި އެދެވޭ އެޓޭކްތަކެއް ނުކުރެވުނު ނަމަވެސް، އެ ޓީމުގެ ޑިފެންސްލައިނުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި ނޭޕާލުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާގެ ކަނާދިމާ ބޭރުން ލިބުނު ބޯޅައެއް، ބޫޓާން ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
މެޗުގެ ގިނަ ވަގުތު ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް، ބޫޓާނުން ވަނީ ދެވަނަ ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ހިފައި ލަނޑެއް ޖަހާފައެވެ. މިއީ ބޫޓާންގެ ކުޅުންތެރިން ރީތި ޕާސްތަކެއް ޖަހައި، ނޭޕާލްގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ދެންޑުޕް ގިޔެލްޝެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މޮޅާއެކު ނޭޕާލަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުވެފައެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ބޫޓާނުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.





